އެފްއޭއެމް

ސައުދީން 2034 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ކުރި ބިޑަށް ރާއްޖެއިން ތާއީދުކޮށްފި

ސައުދީ އަރަބިއާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ކުރި ބިޑަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމުން ހާމަކޮށްފިއެވެ.

ސައުދީން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ކުރި ބިޑް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ފީފާއިން ރޭ އިއުލާން ކުރީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް، އެފްރިކާގެ މޮރޮކޯއާއި ޔޫރަޕްގެ ޕޯޗުގަލް އަދި ސްޕެއިންގައި ރަސްމީކޮށް ހޯސްޓް ކުރުމަށެވެ. އޭގެ އިތުރުން އެ ވޯލްޑް ކަޕްގައި އާޖެންޓީނާއާއި އުރުގުއާއީގެ އިތުރުން ޕެރޫގައިވެސް ބައެއް މެޗުތައް ކުޅޭނެއެވެ.

އެގޮތަށް ކަނޑައަޅާފައި ވަނީ ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. އެހެންކަމުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ މެޗުތައް ތިން ބައްރެއްގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށެވެ.

ޔޫރަޕާއި އެފްރިކާ ގައުމުތަކުގައި ކުރިއަށް އޮތް ވޯލްޑް ކަޕް ބާއްވަން ފީފާއިން ނިންމުމާއެކު 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ބިޑް ކުރެވޭނެ ހަމައެކަނި ބައްރުތަކަކީ މިހާރު އޭޝިއާ އަދި އޯޝެނީއާއެވެ. އެހެންކަމުން ސައުދީ އަރަބިއާއިން މިހާރު ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ބިޑްކޮށްފައެވެ.

އެ ބިޑާއެކު ރާއްޖޭގެ އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީގެ ބިޑަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި ސައުދީން ފުޓްބޯޅައިގައި ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުން ސައުދީއަށް ވޯލްޑް ކަޕެއް ހޯސްޓްކުރަން ލިބުން ހައްގު ކަމަށެވެ. ސައުދީން ފުޓްބޯޅަ އިންފްރާސްޓްރަކްޗާތައް އިތުރުކޮށް، ގްރާސް ރޫޓްގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތާއެކު ސަރަހައްދީ ފުޓްބޯޅައަށް އެކަމުގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށްވެސް ރާއްޖޭގެ އެފްއޭއިން ބުނެފައިވެއެވެ. އަދި ބުނީ، ސައުދީގެ ބިޑަކީ ފުޓްބޯޅައަށް ހާގީގީ ލޯބި އޮތް ކޮންމެ ގައުމަކުންވެސް ތާއީދު ކުރާނެ ބިޑެއް ކަމަށެވެ.

ސައުދީން މި ވަގުތު ފުޓްބޯޅައަށް ބޮޑު ހޭދައެއް ކުރަމުން އަންނަ އިރު، ދިވެހި އެފްއޭ އަބަދުވެސް ފާހަގަކޮށްލެވެނީ ސައުދީގެ ފުޓްބޯޅައާ ގާތް ގުޅުމެއް އޮންނަ ގައުމެއްގެ ގޮތުގައެވެ. ދިވެހި ފުޓްބޯޅަ މި ވަގުތު ވަރަށް ބޮޑަށް ހާލަތު ދަށްވެ، ލީގުގެ ފެންވަރުވެސް އެއްކޮށް ވެއްޓިފައިވާ އިރު، އެފްއޭއެމްގެ ފަރާތުން އަދިވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައި، ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާތަން ފެނިގެން ނުދެއެވެ.