އިންފޮމޭޝަން ކޮމިޝަނުން ދޭ މައުލޫމާތު ހާމަ ކުރުމުގެ “ރަންވަނަ 2018" މިއަހަރު ތިން އިދާރާ އަކަށް ލިބިއްޖެއެވެ.
'މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ' އަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލް އަޤުވާމީ ދުވަސް ފާހަގަކުރުމަށްޓަކައި، 2015 ވަނަ އަހަރު އިންފޮމޭޝަން ކޮމިޝަނަރު އިއުލާން ކުރެއްވި ޝަރަފުވެރި އެވޯޑެކެވެ.
މިއަހަރު މި އެވޯޑު ހާސިލް ކުރި ފަރާތްތަކަކީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން، ލޯކަލް ކައުންސިލްތަކުގެ ގިންތީން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ އަދި ސަރުކާރުގެ އިދާރާތަކުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އެވެ.
މީގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން ވަނީ މި އެވޯޑު ވިދިވިދިގެން ތިން ފަހަރު ހޯދައިފައެވެ. އަދި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންގެ އިދާރާ އިން މި އެވޯޑު ހާސިލް ކުރި މީ ދެވަނަ ފަހަރެވެ. ސަރުކާރުގެ އިދާރާއަކުން އެވޯޑު ހާސިލްކުރި މީ ފުރަތަމަ ފަހަރެވެ.
ބައިނަލްއަޤުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރޭ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ފޯރުކޮށް ދިނުމުގައި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރުވެސް ވަނީ ހޮވާފައެވެ. މި އެވޯޑު ލިބިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރ ހަސަން މަނިކު އަށެވެ.
މީގެ އިތުރުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި، ޖެންޑަރ މިނިސްޓްރީގެ ވެބްސައިޓް އެއްވަނަ ދަރަޖައިގައި ހިމެނިފައިވާތީ، ދަރަޖައިގެ ސަނަދުވެސް ވަނީ ޖެންޑަރ މިނިސްޓްރީ އަށް ލިބިފައެވެ.