ޚަބަރު

ރައީސް ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަަނަރު އެންގި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިއީ 2021 ވަނަ އަހަރު ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅަކާ ގުޅޭ މައްސަލައެކެވެ. އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، އެ މަނިކުފާނު އެ ފަހަރު ދަތުރު ކުރައްވާފައިވަނީ، ސަރުކާރުގެ އިސް ވަފުދަކާ އެކުގައެވެ. އެ ދަތުރުފުޅުގެ ތަފުސީލު ހިމެނޭ ރިސިޕްޓުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގައިފައެވެ.

އެކަމާ ގުޅިގެން ދައުލަތުން އެ މައްސަލަ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް އެ ކޯޓުން މިދިޔަ މެެއި މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ މި މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.