އިބްރާހިމް ޒަކީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނު އަސާސީއަށާއި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
މި ބިލަކީ ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކޮށް މިނިވަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މަޖިލީހަށް ފޮނުވި ބިލެކެވެ.
މި ބިލުގައި ހުށަހަޅާފައި ވަނީ، މިހާރު ޖޭއެސްސީގައި ހިމެނޭ މެންބަރުންގެ އަދަދު ހަތަކަށް މަދުކޮށް، މިހާރު އޮންނަ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރު ނުހިމަނައި ކޮމިޝަން އެކުލަވާލުމަށެވެ.
ބިލުގައި ވާގޮތުން ކޮމިޝަނަށް އައްޔަން ކުރާ މީހަކު ނަމަ، ކޮމިޝަންގައި އޭނާއަށް ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރެވެ. އަދި ދައުރު ހަމަވުމުން، އެ މީހަކު އަލުން އެ ކޮމިޝަނަކަށް އައްޔަނެއް ނުކުރެވޭނެއެވެ. މަގާމުގެ ހައިސިއްޔަތުން ކޮމިޝަންގައި ހިމެނޭ ފަރާތަށް ކޮމިޝަންގެ މެންބަރުކަމުގައި ދެމި ހުރެވޭނީ އެ މަގާމުގައި އޭނާ ދެމި ހުރިހާ ދުވަހަކުއެވެ.
ބަންޑާރަނައިބު ފިޔަވައި، ކޮމިޝަން މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ. ބަންޑާރަނައިބު މެންބަރުކަމުން ވަކިވާނީ، ބަންޑާރަނައިބު ކަމުން ވަކި ކުރުމުންނެވެ.