އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 306 މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ހޯދަން އެދިފައިވާ ވަޒީފާތަކަކީ މެނޭޖަރުގެ މަގާމަށް 10 މީހުން، ސެކިއުރެޓީ އޮފިސަރު ހަ މީހުން އަދި އިންތިހާބުގެ އޮފިސަރުންގެ ގޮތުގައި 218 މީހުންނެވެ.
މީގެ އިތުރުން އެސިސްޓެންޓު މެނޭޖަރުގެ މަގާމަށް އެކަކު، އެސިސްޓެންޓު އޮފިސަރުގެ ގޮތުގައި 40 މީހުން، ގްރެޕިކްސް ޑިޒައިނަރެއްގެ ގޮތުގައި އެކަކު ހޯދަން އީސީން ވަނީ އިއުލާންކޮށްފައެވެ. އަދި ސަޕޯޓް އޮފިސަރުގެ މަގާމަށް އެކަކު، ޓެކް އޮފިސަރުންގެ ގޮތުގައި އަށް މީހަކު، ލޮޖިސްޓިކް އޮފިސަރުންގެ ގޮތުގައި ހަތަރެއް އަދި ސީނިއާ މީޑިއާގެ މަގާމަށް އެކަކު ހޯދަން ވެސް ވަނީ އިއުލާންކޮށްފައެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހެއް އަދި އީސީން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އިތުރު ހަ މެމްބަރަކު އިންތިހާބު ކުރާނެއެވެ. އެހެންކަމުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު 93 އަރާނެއެވެ. ގާނޫނުގައިވާ ގޮތުން ކޮންމެ 5،000 މީހަކަށް، މަޖިލީހުގައި މެމްބަރަކު ހުންނަންވާނެއެވެ.
އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް އީސީން ބުނެފައިވެއެވެ.
މީގެ އިތުރުން އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވެއެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވެފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.