ޚަބަރު

ފައްޔާޒް، މުއިއްޒަށް: ވައުދު ފުއްދަވާނެކަމަށް އުންމީދުކުރަން، އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުމެއް ނޫން!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޑިމޮކްރަސީ ދަމަހައްޓަވާނެ ކަަމަށް އުންމީދުކުރައްވާ ކަމަށާއި ކުރީގެ އަނިޔާވެރިކަމަށް އެނބުރި ދާނަމަ، ބަލަން ނުތިބެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކޮށްދިނުމަށް އެމްޑީޕީއަށް ގޮވާލައްވައިފައެވެ.

ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށާއި އަންނަ ސަރުކާރުން ވައުދުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ދުއާ އަކީ އަދި އުންމީދަކީ ވައުދުވެވަޑައިގެންނެވި ގޮތަށް ޑިމޮކްރަސީ ދަމަހައްޓައި، ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގަވާނެ ކަމަށް. 2013ގައި ފެނިގެންދިޔަ ހުދުމުހުތާރު ވެރިކަމާއި އަނިޔާވެރިކަމަށް އަނބުރާ ދާނަމަ، ބަލަން ނުތިބެވޭނެ،" ފައްޔާޒް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ބޭއްވުމަށް ކުރާން ޖެހޭ މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އަދި ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރޭގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 54.04 ޕަސަންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 45.96 ޕަސަންޓެވެ.