އެމްޓީސީސީން އިންޓަރެސްޓް ބޮޑުކޮށް، 300 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން އުޅޭ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
"ދިޔަރެސް" ނޫހުގައި މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން 9.5 ޕަސަންޓުގެ ބޮޑު އިންޓަރެސްޓެއްގައި ބޮންޑެއް ވިއްކަން އުޅެނީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށެވެ.
އެ ހަބަރު ދޮގުކޮށް، އެމްޓީސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އަދި އެ ކުންފުނިން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރަމުންދާކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.
"އެގޮތުން 'ދިޔަރެސް' ނޫހުގައި 02 އޮކްޓޯބަރު 2023ގައި މި ކުންފުނިން 'އަވަސް އަރުވާލައިގެން އެމްޓީސީސީން އިންޓަރެސްޓް ބޮޑުކޮށް، 300 މިލިއަންގެ ބޮންޑެއް ވިއްކަނީ' މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެކެވެ..،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ހަވާލާދެވުނު ދިޔަރެސް ނޫހުގެ ހަބަރަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އެގޮތުން އެ ނޫހުގައި އެ ކުންފުނިން އަވަސް އަރުވާލައިގެން ބޮންޑެއް ވިއްކަން އުޅޭކަމުގައި ބުނެފައިވާ އިރު، އެ އިޝާރާތްކުރި ބޮންޑު މެދުވެރިކޮށް ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ރެއިސްކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާނީ މިއަހަރުގެ މާޗް މަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެ ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ރެގިއުލޭޓްކުރައްވާ ފައިނޭންޝަލް އިންސްޓުރުމަންޓެއް ކަމުން، މިކަމުގެ އިދާރީ ކަންކަން ވޭތުވެދިޔަ ހަތް މަސްތެރޭ ފުރިހަމަކުރުމަށް މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ https://viyana.mv ޕޯޓަލްގައި ރެޖިސްޓާކުރައްވައިގެން މި ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ ފަރާތަކަށްވެސް އާންމުކޮށް ފެންނަން ހުންނާނެކަމުގައި ދަންނަވަމެވެ. އެގޮތުން މި ބޮންޑަކީ މި ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓުކޮށްފައިވާ ބޮންޑެކެވެ..،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ބޮންޑުގެ 9.5 ޕަސަންޓުގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރާއްޖޭގެ ބޮރޯވިން ރޭޓާ އަޅައިބަލާއިރު ބޮޑުތަނުން ކުޑަ ރޭޓެއްކަން ވެސް ފާހަގަކުރާ ކަމަށެވެ. އަދި އެމްޓީސީސީން ވަނީ އެ ކުންފުނިން ފިކްސްޑް އިންކަމް ބޮންޑެއް ލިސްޓުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ޓައިމްލައިނެއް ވެސް އާންމުކޮށްފައެވެ.
ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްގެންދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް އެފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ކުރުމުގެ މަގުސަދަކީ ޒާތީ ތައައްސުބު އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުން ކަމަށް އެމްޓީސީސީން ބުންޏެވެ.