އަލީ ޔާމިން
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ކެންޑިޑޭޓުންވެސް މާލީ ބޮޑެތި ވައުދުތަކެއް ވެފައިވާކަން ފާހަގަކޮށް އެ ވައުދުތައް ބޮޑަށް ހުރީ ވަކިވަކި ފަރުދުންނަށް ފައިދާވާ ގޮތަށް ކަމަށް އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ބުނެފިއެވެ.
އިންތިހާބުގެ ކަންކަން މޮނިޓާކުރި އީޔޫގެ ޗީފް އޮބްޒާވަރު، ނާޗޯ ސަންޗޭޒް އަމޯރު ވިދާޅުވީ، ދެވަނަ ބުރުގެ ކެމްޕެއިން ކުރިއަށްދިޔައީ ވަކިވަކި މީހުންނަށް މެސެޖުތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއެކުގައި ކަމަށާއި އެގޮތުން ދޮރުން ދޮރަށް ހިނގުމާއި ރަށްރަށަށް ކެންޑިޑޭޓުން ޒިޔާރަތްކޮށް ރައްޔިތުންނާ ގާތުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ނާޗޯ ވިދާޅުވީ އިންތިހާބުގައި މާލީ ބޮޑެތި ވައުދުތަކެއް ދެ ކެންޑިޑޭޓުންވެސް ވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ވައުދުތައް ހުރީ ވަކިވަކި ފަރުދުންނަށް ސީދާ ފައިދާވާ ގޮތަށް ކަމަށެވެ. އެގޮތުން ކިޔަވާ ކުދިންގެ ލޯނު މައާފުކުރުމާއި މުސާރައާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ދެވޭ އެލަވަންސްތައް އިތުރުކުރުމާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ނަގާ ކުލިތައް ކުޑަކުރުމާއި މަސްވެރިންގެ އަތުން މަސް ގަންނަ އަގުތައް މަތިކުރުން ފަދަ ވައުދުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ސޯޝަލް މީޑިއާ އާއި މީޑިއާ އަދި އެހެން ޕްލެޓްފޯމުތައް ވެސް މެދުވެރިކޮށް، އެންޓި-ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިނގިކަން ފާހަގަކުރައްވައި އޮބްޒާވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ނާޗޯ ވިދާޅުވިއެވެ.
ނާޗޯ ވިދާޅުވީ، ކެމްޕެއިންގެ ދުވަސްވަރު ވޯޓު ގަންނަ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ފެތުރިގެން ދިއުމުން ކެމްޕެއިންގައި ފައިސާ ކުޅުނު ދައުރު ބޮޑު ކަމަށެވެ.
ނާޗޯ އިތުރަށް ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ އޮމާންކޮށް ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ. އަދި އިންތިހާބު އޮމާންކޮށް ކުރިއަށްގެންދިއުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.