އާ ސަރުކާރުގެ ފަރާތުން އެދިވަޑައިގަންނަވަނީ ދެކަމެއް ކަމަށާއި އެއީ މަޝްރޫއުތައް ކުރިޔަށްގެންދިއުން އަދި ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖު ނިންމަން އޮތް މުއްދަތަށް ނިންމިފައި ނުވާ ކަމަށާއި އެ މަސައްކަތް ނިންމައިލެވުނު ނަމަ، އިންތިހާބަށް ވެސް އޭގެ ހެޔޮ އަސަރެއް ކުރީސް ކަމަށެވެ.
"އެހެންނަމަވެސް ޓެކްނިކަލް އެތައް މައްސަލައަކާ ހެދި އެކަން ލަސްވެގެން ގޮސް އޮތްކަން އަޅުގަނޑަށް ފާހަގަކުރެވޭ. އަޅުގަނޑުމެން ފަށާފައި ހުރި ޕްރޮޖެކްޓުތައް ކުރިއަށްގެންދިއުމަށް މިހާރު އޮތް ސަރުކާރާ އެކީގައި މަޝްވަރާކުރާނަން. އަޅުގަނޑުގެ އޮތީ އާ ސަރުކާރުގެ ކިބައިން އެދޭ ދެ ކަމެއް. އެއް ކަމަކީ ހެޔޮވެރިކަމެއް ކުރުން، އަނެއް ކަމަކީ މިގައުމުގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށްގެންގޮސްދިނުން. އެއީ އަޅުގަނޑު އެދޭ އެދުމަކީ އާ ސަރުކާރުގެ ފަރާތުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއާ ގުޅޭގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގިރާވަރުފަޅާއި މާލެއާ ގުޅުވާލުމަށް ހަދާ ތިލަމާލެ ބުރިޖުގެ މަސައްކަތް އޭނާގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ނިންމައިދެއްވާނެ ކަމަށެވެ.