އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ދޭންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވި އިސްލާހުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ 11ވަނަ މާއްދާއާއި 25 ވަނަ މާއްދާ އަދި 43 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް އިންތިހާބު ކުރެވޭ މެންބަރުންގެ ތެރެއިން 33 ޕަސެންޓު ހާއްސަ ކުރަންވާނީ އަންހެނުންނަށް ކަމަށެވެ.
އަދި ކޮންމެ ރަށަކާއި ސިޓީއެއްގެ ކައުންސިލާއި އެކުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށްޓަކައި އިންތިޚާބު ކުރެވޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެއް އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ.
އެގޮތުން ރަށެއްގައި ނަމަ މި ކޮމެޓީގައި ތިން މެންބަރުން ތިބެންވާނެ ކަމަށާއި ސިޓީއެއްގައި ނަމަ ފަސް މެންބަރުން ތިބެންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މި ކޮމެޓީތައް މަސައްކަތް ކުރަންވާނީ ރަށެއްގައި ނަމަ ރަށު ކައުންސިލާ އެކުގައި ނުވަތަ ސިޓީއެއްގައި ނަމަ އެ ސިޓީ ކައުންސިލާ އެކުގައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން އުޖޫރައެއް ކަނޑައަޅަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.