ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތަލާލް "ވަން" އަށް މިއަދު ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުން ރައީސް ޔާމީން މާލެ ގެނައުމަށް 2:30 ފުރާނެ ކަމަށެވެ. އަދި 3:00 ޖަހާއިރަށް ޔާމީނަށް މާލެ އާދެވޭނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ޔާމީންގެ ގެއަށް ބަދަލުކުރަން ނިންމާފައިވާއިރު، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެ މަނިކުފާނުގެ ތާއީދާއެކު ކުރިމަތިލެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.