''ނިޔަމި'' ގެ ނަމުގައި ރާއްޖޭގައި ޝެޑިއުލްކޮށްގެން ދަތުރުކުރާ ހުރިހާ ފެރީތަކާއި ސްޕީޑްބޯޓުތަކުގެ މައުލޫމާތު ފަސޭހައިން އެއްތަނަކުން ލިބޭގޮތް ހެދުމަށް އެޕެއް ތައާރަފްކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން މި އެޕް މިއަދު ލޯންޗް ކޮށްދީފައި ވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. އެގޮތުން މިނިސްޓަރ ނަހުލާ ނިޔަމި އެޕް ލޯންޗްކޮށްދީފައި ވަނީ އެކަމަށް ހާއްސަކޮށްގެން މިއަދު ޓްރާންސްޕޯޓު އޮތޯރިޓީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ނިޔަމި އެޕްލިކޭޝަނަކީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނަށް ދައުލަތުން ދެމުންދާ ފެރީ އަދި ސްޕީޑް ބޯޓުގެ ހުރިހާ ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ އެޕެއްކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކުރިއަށް އޮތްތާގައި އަމިއްލަ ކުންފުނިން ހިންގަމުން އަންނަ ފެރީގެ ހިދުމަތުގެ މައުލޫމަތުތައް މި އެޕްލިކޭޝަނުން ލިބިގެން ދާނެކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ފެރީ ދަތުރު ކުރާ ވަގުތުތަކާއި، ފެރީ ދަތުރު ކުރާ މަންޒިލަށް ވާސިލްވާނެ ވަގުތަކާއި، އެއްރަށަށް ވުރެ ގިނަ ރަށްރަށަށް ޖައްސާނަމަ އެ މައުލޫމާތު މި އެޕްލިކޭޝަނުން ލިބޭނެ ކަމަށް މިނިސްޓްރީ އިން ހާމަކުރި އެވެ. މީގެ އިތުރުން ފެރީ ދަތުރު ނުކުރާ ދުވަސް ދުވަހުގެ މައުލޫމާތުތައްވެސް މި އެޕްލިކޭޝަނުން ލިބޭނެއެވެ.
މިއަދު ނިޔަމަ ލޯންޗް ކުރެވިގެން ދިޔައީ ހަމައެކަނި ގޫގަލް ޕްލޭއަށް، އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކަށް ނަމަވެސް ކުރިއަށް އޮތް ހަފްތާތެރޭ އެޕަލް ސްޓޯރުން އައިއޯއެސް ބޭނުން ކުރާ ފަރާތްތަކަށް މި އެޕްލިކޭޝަން ލިބިގެން ދާނެއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ މައުލޫމަތުތައް އެއް ތަނަކުން ލިބޭނެގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.