ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދެން އޮންނާނީ ހެކިބަސް ނެގުން

މުހައްމަދު އައުޒަމް

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މީހުންގެ ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ހެކިބަސް ނެގުން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގާނެކަން އިއުލާންކޮށްފައެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ. އެ މީހުންގެ ހެކިބަސް ސިއްރުން ނަގަން ވަނީ ނިންމާފައެވެ.

ހެކީން ސިއްރު ކުރަން ދައުލަތުން ހުށަހެޅުމުން ދައުވާ ލިބޭ މީހުންގެ ވަކީލުން ވިދާޅުވީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެއީ އެ ގާނޫނުގެ ދަށުށް ކުރެވޭނެ ކަމަށް ބުނެ އެކަމުގެ ހުއްޖަތު ދައްކާފައެވެ.

އެ މައްސަލާގައި ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައި ވަނީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް އާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދު އާއި މ. ކޮޅުފުށި، އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ އެންމެން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަސައްކަތް ކުރާ އޮފީހުން މިދިޔަ އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ 2:23 ހާއިރު ނުކުމެގެން ގޮސް ޣާޒީ ބިލްޑިންގެ އިރުމަތީ ގޯޅިން އަމީރު އަހުމަދު މަގަށް އެޅުމާ ހަމައަށް ދެ މީހަކު އޭނާގެ ފަސް ފަހަތުން ފާރަވެރިވަމުން ތިން ނަންބަރު ފާލަމާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

ޣާޒީ ބިލްޑިންގެ އިރުމަތީ ގޯޅިން ޔާމީން ރަޝީދު އެޅުމުން އެ ދެ މީހުން އެނބުރި އައިކޮޅަށް ބޮޑުތަކުރުފާނު މަގުން އިރަށްގޮސް މަސްވެރިންގެ ޕާކާ ހަމައަށް ގޮސްފައިވާ ކަމަށާއި އެވަގުތު އެ ދެ މީހުންގެ ތެރެއިން އެކަކު ފޯނުން މުއާމަލާތް ކުރަމުންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ރޭ މެންދަމު 2:34 ހާއިރު އެމީހުންގެ ތެރެއިން ހައިޝަމް އާއި ޒިހާން އާއި އިސްމާއިލް ރަޝީދު ސައިކަލްގައި ގޮސް ޔާމީން ރަޝީދު ދިރިއުޅޭ މ. ސްޕެޓިއުލާގޭގެ ކައިރިއަށް މަޑުކުރުމަށްފަހު ހައިޝަމާއި ޒިހާން އެގެއަށް ވަދެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ދައުވާ ލިބޭ މީހުންގެ ތެރެއިން އިސްމާއިލް ރަޝީދު އެގޭގެ ކައިރީ މަގުމަތީ މަޑުކޮށްގެން ހުރި ކަމަށާއި އޭނާގެ ދައުރަކީ ޔާމީން ރަޝީދަށް ހަމަލާދިން ދެ މީހުންނަށް ބޭރުގެ ހާލަތު ބުނެދިނުން ކަމަށެވެ.

އެ މީހުން ޔާމީން ރަޝީދު ދިރިއުޅޭ ގެއަށް ވަންއިރު އޭނާ ވަނީ ޗާންދަނީމަގު ކެނެރީމަގާ ހިސާބުގައި ކަމަށާއި އޭނާ ގެއަށް ވަދެފައި ވަނީ އެރޭ 2:46 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދަށް ހަމަލާދީފައި ވަނީ ގެއަށްވަނުމަށް ލިފްޓު ހުޅުވި ވަގުތު ކަމަށެވެ. ހައިޝަމާއި ޒިހާން އޭނާއަށް ވަޅިން ހަމަލާދޭ މަންޒަރު ވަނީ ސީސީޓީވީ ކެމެރާއަށް ރެކޯޑު ކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންނަކީ އެކަށީގެންވާ ވަރަށް ކިޔަވައިގެން ތިބިނަމަވެސް ދީނީ ގޮތުން ބަސް ބުނެވޭ ވަރުގެ އެއްވެސް ރަސްމީ އިލްމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ.

ފުލުހުން ބުނީ އެމީހުން ގަބޫލުކުރާ ގޮތުގައި ޔާމީން ރަޝީދަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެކެވެ. އަދި އެމީހުންނަކީ ދީނަށް ފުރައްސާރަކުރާ މީހުން ބަލައިގަންނަ ބައެއް ނޫން ކަމަށް ވެސް ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ވަނީ ބުނެފައެވެ.