ރާއްޖޭގައި ދިވެހި ބަހުން ވާހަކަ ދައްކަން އެއްވެސް ވަރަކަށް ނޭނގޭ ކުދިން އެބަތިބި ކަމަށާއި އެކަމުގެ ސަބަބުން ޖީލުތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމަނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ބަހުގައި ތަފާތު ބަހުރުވަތައް އެބަހުރި ކަމަށާއި މިއީވެސް ބަހަށް ލިބިފައިވާ އިތުރު މުއްސަނދިކަމެއް ކަމަށެވެ. އަދި އެ ބަހުރުވަތަކުން ވާހަކަދައްކާ އަޑު ވަރަށް މަދު ފަހަރަކު ނޫނީ ނީވޭ ކަމަށާއި ސްކޫލް ނިމިގެންދާއިރު ބަހުރުވަތަކުގެ ތަފާތު ހުންނަކަންވެސް ބައެއް ކުދިންނަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖިއޮގްރަފީ ގޮތުން ބަލާއިރު ރާއްޖެ އޮންނަ ގޮތުން ދިވެހިންގެ މެދުގައި މިއޮންނަ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުމަށްޓަކައި ދިވެހިބަސް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިވެހިން ވާހަކަ ދައްކާ އުޅޭ ބަހުރުވަ ތަފާތު ކަމަށާއި، އެއީ ދިވެހި ބަހަށް ލިބޭ އިތުރު މުއްސަނދިކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގިނަ ކިޔަވާ ކުދިންނަށް މިބަހުރުވަތަކުގެ ތަފާތު ނޭނގުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޔުމްނާ ވިދާޅުވީ މީގެ ކުރިން ދިވެހި ބަހުން ވާހަކަދެއްކުމަށް ދަތިތަކެއް އިހްސާސްވީ ބޭރު ގައުމުތަކުގައި ބޮޑެތިވަމުން ދިޔަ ކުދިންނަަށް ކަމަށާއި މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ.
މިހާރު ރާއްޖޭގައި ތިބެގެން ބޮޑެތިވާ ކުދިންނަށްވެސް ދިވެހި ބަހުން އެއްވެސް ވަރަކަށް ވާހަކަ ދައްކަން ނޭނގޭކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، އެކަމުގެ ސަބަބުން ކުއްޖާގެ އާއިލާގައި އުޅޭ ދޮށީ އުމުރުގެ މީހުންނާ ވާހަކަ ދައްކަން ނޭނގި، އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ކުދިން މިއަދު މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ގެއްލިގެން ދަނީ ދެޖީލުގެ ދެމެދުގައި އޮންނަަ ގުޅުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.