މިހާރު ކުރިއަށްދާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ރައީސް ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓަކަށެވެ.
ވޯޓު ލެއްވުމަށްފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ މި ބުރު އެ މަނިކުފާނަށް ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. ނަމަވެސް އެކަން ބިނާ ވަނީ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ. ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ގިނަވުމަކީ އެ މަނިކުފާނަށް ކާމިޔާބުވުމަށް ލިބޭ ބާރަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ކުރިއަށްދާ ނަމަ ވަކި ޕަސެންޓެއް ދަންނަވަން އެނގިވަޑައިނުގަތަސް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މިވީ ވިއްސަކަށް ދުވަސް ތެރޭ އެމްޑީޕީން ކުރި ކަމަކީ ކަންކަން އިންތިޒާމްކުރުން ކަމަށާއި އެ އިންތިޒާމްތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށްދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ފުރަތަމަ ބުރާއި ހިލާފަށް މި ބުރުގައި ގިނަ ބަޔަކު ވޯޓުލާން ނުކުންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް އެމްޑީޕީގެ މައްޗަށް ކުރި ނަމަވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް އެ ޕާޓީން ކޮށްފައި ނޯންނާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރެއްވި ގޮތަށް، ފުރަތަމަބުރާ އަޅާބަލާއިރު މި ބުރުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ގިނަކަން، އިލެކްޝަންސް ކޮމިޝަން (އީސީ) ހާމަކުރަމުންދާ ތަފާސް ހިސާބުތަކުން ފާހަގަވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 23 ޕަސެންޓް. އެއީ 65،600 މީހުންނެވެ.
ފުރަތަމަ ބުރުގެ ހެނދުނު 10:00 އާ ހަމައަށް ވޯޓުލީ 12 ޕަސެންޓް މީހުން. އެހެންކަމުން މިއީ 11 ޕަސެންޓް އިތުރު އަދަދެކެވެ.
މިމަހު ނުވަވަނަ ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުގެ ގޮތުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވާފައިވާ އިރު، އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. މިއީ 39.05 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސަންޓު މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ. މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެވަފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.