ރާއްޖެއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގެނައި އިސްލާހީ ހެޔޮ ބަދަލާއި ހަމަޖެހުމާއެކުގައި ކުރިއަށް ދިއުމަށް އެ މަނިކުފާނަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމާލުމުގެ ކުރިން ދެއްވި ފަހު ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން މުޅި ރާއްޖެއަށް ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ ކަމަށާއި ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަން މުޅިން ނައްތާލެވިއްޖެ ކަމަށެވެ.
އޭގެ އިތުރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި، ތަފާތު ކުރުމެއް ނެތި، އެ މީހަކު ދިރިއުޅޭ ރަށެއް އަދި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގައި ކާމިޔާބީތަކެއް ހާސިލުކުރެއްވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވަކި ދާއިރާއެއް ބާކީނުކޮށް، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.
"މިއަދު އަނެއްކާވެސް އަޅުގަނޑުމެން ނިންމަން ޖެހިފައި މިއޮތީ މި ރާއްޖެ އަނެއްކާވެސް އެނބުރި ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ ނޫނިއްޔާ އަޅުގަނޑުމެން އެތައް ބައެއްގެ ގުރުބާނީން މި ރާއްޖެއަށް ގެނެވުނު އިސްލާހީ ބަދަލުތަކާ އެކުގައި، ޒުވާނުންނަށް މި ރާއްޖެ ފޯރުކޮށްދޭނީތޯ ނިންމަން އޮތް ނިންމުން،" ރައީސް ވިދާޅުވިއެވެ.