ޚަބަރު

ނިއުޕޯޓު ވިއު އިން ދައްކަންޖެހޭ ފައިސާ ހޯދުމަށާއި އެ ބިން ހުސްކުރުމުގެ ކޯޓު އަމުރަކަށް އޭޖީ އޮފީހުން އެދެފި

އިބްރާހިމް ޒަކީ

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމާބެހޭ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމަށާއި ތަން ހުސްކޮށް ދައުލަތާ ޙަވާލުކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ހާމަކުރި ގޮތުގައި ސިވިލް ކޯޓަށް މިއަދު އޭޖީ އިން މައްސަލައެއް ހުށަހެޅީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން 27 ފެބްރުއަރީ 2019ގެ ނިޔަލަށް ދައުލަތަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 1،149،271 ގެ އިތުރުން، ބިން ދައުލަތާއި ހަވާލު ކުރާ ދުވަހާ ހަމައަށް އަރާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުލަތުގެ ފަރާތުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ބިން ހުސްކޮށްދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.

އޭޖީ އިން މިކަމާ ގުޅޭ ގޮތުން އާންމު ކުރި ބަޔާނުގައިވާ ގޮތުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއި ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ކޮންމެ މީލާދީ މަހެއްގެ ކުރިން އެ ބިމުގެ ކުލި މީރާއަށް ދައްކަން ވާނެއެވެ. އަދި ކުލި ނުދައްކާ އޮވެ އެއް މަސް ފާއިތުވެއްޖެ ނަމަ ދައުލަތަށް އެއްބަސްވުން އުވާލެވޭނެކަމަށް އެއްބަސްވުމުގައިވާ ކަމަށް އޭޖީ އިން ހާމަކުރިއެވެ. އެގޮތުން ދައުލަތުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ނިއުޕޯޓު ހިންގަމުން އަންނަ ބިން ހުސްކުރަން އަންގާފައި ވަނީ އެކުންފުނިން އެއްބަސްވުމާ ހިލާފުވެ، 1 ޑިސެމްބަރު 2018 އިން ފެށިގެން ކުލި ދައްކާފައި ނުވާތީ ކަމަށް އޭޖީ އިން ހާމަކުރިއެވެ. މީގެ އިތުރުން މިދިޔަ އަހަރު ޖޫން އަދި ޖުލައި މަހުގެ ކުލީގެ ގޮތުގައި ދެއްކި ދެ ޗެކު ބައުންސްވެފައިވާ ކަމަށް އޭޖީ އިން ބުނެއެވެ.

ސަރުކާރުން ނިއުޕޯޓު ހިންގަމުން އަންނަ ބިން ހުސްކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވީ ނަމަވެސް އެކުންފުނިން އެ ބިން ހުސްކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން މިއަދު ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ ބިމުގައި ވިޔަފާރި ކުރަމުން އަންނަނީ ގަވާއިދާ ހިލާފަށް ކަމަށާއި، އެ ބިމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީ ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް އޮންނަ އުސޫލުގެ މަތިން ކުރިއަށްގެންދާ ކަމަށް ހާމަކޮށްފައެވެ.