ޚަބަރު

އިދިކޮޅުން ދަނީ ދޮގު ފެތުރުމުގެ ކެމްޕެއިނެއް ހިންގައި އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ދެވަނަބުރާ ދިމާކޮށް މިސްއިންފޮމޭޝަން ކެމްޕޭނެއް ހިންގައި އަސްލެއް ނެތް ދޮގުތަކެއް ފަތުރައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، އުފާވެރި އަމާން ރާއްޖެ ކެމްޕޭންގެ ޓީމުން ބުނެފިއެވެ.

ކެމްޕޭން ޓީމުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިދިކޮޅުން ހިންގާ އެ ކެމްޕޭނާ ގުޅިގެން ކަންބޮޑުވާ ކަމަށާއި އަދި އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިގެން އެންޓި ކެމްޕޭންކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް ބުންޏެވެ.

"ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއް ނެތް ދޮގު ފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަަށު ދަރަޖައިގެ ފިނޑިއަމަލެއް،" ކެމްޕެއިން ޓީމުގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ޓީމުން ބުނީ، ރާވާއިގެން ހިންގާ މިފަދަ މިސް އިންފޮމޭޝަންގެ ކެމްޕޭންތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.