ޚަބަރު

ފްލެޓް ލިބޭ މީހުން ޕޯޓަލް މެދުވެރިކޮށް މިހާރު އެނގޭނެ، ޝަކުވާއަށް ހުޅުވާލައިފި

މުހައްމަދު އިޝާން

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން، އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް މިހާރު އިނގޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީން އިއުލާން ކުރި ވަގުތީ ލިސްޓްގައިވާ ޝަރުތު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ފުލެޓް ލިބޭކަން މިހާރު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

"އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ވާނީ ޖަވާބު ދެވިފައެވެ. ވުމާއެކު ޝަރުތު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަން" ހައުސިން މިނިސްޓްރީން ބުންޏެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުންނެވެ. ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 13،000 މީހުންނެވެ.

"ގެދޮރުވެރިޔާ" ސްކީމުން ފްލެޓަށް ޝަރުތުހަމަވާ އެންމެނަށް ފްލެޓް ދޭން ސަރުކާރުން ނިންމާފައިވާ އިރު، ހައުސިން މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފަ އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ދިނީ 15 ދުވަހުގެ މުއްދަތަކެވެ. އެ މުއްދަތު މިދިޔަ މަހުގެ 22 ވަނަ ދުވަހަށް ހަމަވުމުން، ޝަކުވާ ހުށަހެޅުމަށް އިތުރު ހަތް ދުވަސް ދިނެވެ. އެ މުއްދަތުވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.