އިބްރާހިމް ޒަކީ
ނަފްސާނީ ބަލިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު އެމީހަކު އަދާކުރާ ޒިންމާތަކުން ލުޔެއް ދިނުންފަދަ ކަންކަން ފަހި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ "ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން ފައްޓަވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ޖިސްމާނީ ބަލިތަކާ އަޅާބަލާއިރު ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ ވަޞީލަތްތައް މަދުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ގިނަ ބަލިތަކަކީ ހަމައެކަނި ބޭހެއް ކައިގެން ރަނގަޅުކުރެވޭ ބަލިތައް ކަމުގައި ވީ ނަމަވެސް ހަކުރުބަލި ފަދަ ބަލިތައް ފަދައިން ނަފްސާނީ ބައްޔަކީ ބޭހާއެކު ތެރަޕީވެސް ބޭނުންވާ ބައްޔެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އާދަޔާ ޚިލާފަށް ކަންކަމާ ދެރަވެ، ހާސްވެ، ބިރުގަނެ، ރޮވި، ގިނަ ދުވަސްތަކެއް ވަންދެން ކޮޓަރިން ނުވަތަ ގެއިން ނުނުކުމެ، އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، އާންމުކޮށް ސްކޫލަށް ނުވަތަ އޮފީހަށް ސަލާން ބުނެ، އެކަނިވެރި ދިރިއުޅުމެއް އުޅެ، ކުރަން ބޭނުންވާ އެތައްކަމެއް ނުކުރެވިފައިވާ އެތައްބަޔަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަކަމަށެވެ.
އަދި މި ކަންކަމަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތައްކަން މީގެތެރެއިން މީހުންނަށްވެސް އަދި އެމީހުންގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ވެސް ނޭނގޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ ބައްޔެއް ހުރިކަން އެނގުނު ނަމަވެސް އެމީހެއްގެ އެފަދަ ބައްޔެއް ހުރިކަމަށް ބުނަން ބޭނުންވަނީ މަދުބައެއް ކަން ފާހަގަކުރައްވާ ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކުރުމުގެ ވާހަކަ ޤައުމީ ފެންވަރެއްގައި ދަންކަންޖެހޭ މައިގަނޑު ސަބަބަކީ ވެސް އެއީކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނަފްސާނީ ބަލިތަކުގެ ހާލަތު ދުނިޔޭގައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދުނިޔޭގައި ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ބެލެވޭކަމުގައެވެ. އަދި ރާއްޖޭގައި މިދާއިރާއިން ކުރެވިފައިވާ މަދު ދިރާސާތަކުން ލަފާކުރެވޭގޮތުގައި ރާއްޖޭގައި ވެސް މި ނިސްބަތް އެހާވަރުގައި ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.