ޚަބަރު

ބަލި މީހެއްގެ އެހީތެރިންނާ ބޭއަދަބީކޮށް މުހާތަބުކުރި ކަމަށްބުނާ ޑޮކްޓަރެއްގެ މައްސަލަ ބަލަނީ

އިބްރާހިމް ޒަކީ

ބަލި މީހެއްގެ އެހީތެރިންނާ އެކަށީގެންނުވާ ގޮތަށް މުހާތަބު ކުރިކަމަށް ތުހުމަތު ކުރެވޭ ޑޮކްޓަރެއްގެ މައްސަލަ އައިޖީއެމްއެޗުން ބަލަން ފަށައިފިއެވެ.

އެކަން ހާމަކޮށް އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މައްސަލަ ހޮސްޕިޓަލްގެ ސަމާލުކަމަށް އައުމާ އެކު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގައި ކަން ހނގާފައިވާގޮތް ކަމަށް ބުނެ، ބަލި މީހާގެ ދައްތަ ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ، މިދިޔަ މަހުގެ ނުވަނަ ދުވަހުން ފެށިގެން ފުއްޕާމޭގެ މައްސަލައެއްގައި އޭނާގެ ކޮއްކޮ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް ވަނީ ކީއްކަން ނޭނގި ކޮއްކޮގެ ބަލި އިތުރަށް ބޮޑުވަމުންދިޔަކަން ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި ޑޮކްޓަރާ މައްސަލަ ޖެހުނީ އެ މައްސަލައިގައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު، އައިޖީއެމްއެޗްގެ އޮންކޯލްގައި އެވަގުތު ހުރި ޑޮށްޓަރު، އާއިލާ މީހުންނާ ވާހަކަ ދެއްކުމުގެ ތެރޭގައި އެ މައްސަލަ އިތުރަށް ބޮޑުވެގެން ދިޔަކަމަށްވެސް ބުނެފައިވެއެވެ.

އެދުވަހު އޭނާ އައިޖީއެމްއެޗަށް ގޮސް، ވީ ކިހިނެއްތޯ، މަންމައާ ސުވާލު ކުރުމުން، ވީ ކިހިނެއްކަން ނޭނގޭ ކަމަށާއި ކޮއްކޮގެ ހުރިހާ ރިޕޯޓުތަކާއި ހިސްޓްރީ ވަނީ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި ކަމަށް ބުނި ހިސާބުން ޑޮކްޓަރު ހިތްހަމަ ނުޖެހި، ރުޅި ގަދަވިކަމަށްވެސް ބުނެފައިވެއެވެ.

އެ ރުޅިގަނޑުގައި، "އަހަންނަކީ ކާކުކަން އެނގޭ ހެއްޔޭ، ތި ވައްތަރަށް ވާހަކައެއް ނުދެއްކޭނެ ކަމަށް،" ބުނެ ވޯޑު ތެރޭގައި ޑޮކްޓަރު އަޑުގަދަކުރަން ފެށި ކަމަށާއި އޭނާގެ ބައްޕައާ ދިމާލަށް ޑޮކްޓަރު ދިޔަ ކަމަށްވެސް ބުނެފައިވެއެވެ.

"ބާރުގަދަ ބޭހެއް ފެށުމަށް ފަހު ހުއްޓާލީ ކަލޭމެން" ކަމަަށް ބުނުމުން، "ކަލޭޔޭ" ކިޔާފައި އަނެއްކާވެސް ބައްޕައާ ދިމާލަށް ޑޮކްޓަރު ދިޔުމުން، މަންމައަށް ކެތް ނުވެގެން، "ކަލޭ ގައިގައި ޑޮކްޓަރެއްގެ އެއްވެސް ސިފައެއް ނެތޭ" ބުނި ކަމަށާއި އޭގެ ރައްދުގައި މަންމައާ ދިމާލަށް "ކަލޭ ގައިގައި މަންމައެއްގެ ސިފައެއްވެސް ނެތް" ކަމަށް ޑޮކްޓަރު ބުނި ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެތަނަށް ފުލުހުން ގެނައުމަށް ޑޮކްޓަރު ގޮވި ކަމަށާއި އެ މީހުންގެ މައިންބަފައިން ޑޮކްޓަރަށް ފުރައްސާރަ ކުރި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކުރަން ޖެހޭ ކަމަށް ބުނެ، ވޯޑް ތެރޭގައި ޑޮކްޓަރު ހަޅޭއްލެވި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޑޮކްޓަރު ރުޅި އައިސްފައި ހުރި ވަރުން، އޭނާ ހުރީ ތުރުތުރު އަޅައަޅައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.