ޚަބަރު

މާޗުމަހުގެ އެކްސްޕޯޓު 39 ޕަސެންޓު އިތުރުވެ، އިންޕޯޓާއި، ލިބުނު އާމްދަނީ ދަށަށްހިނގައްޖެ

އިބްރާހިމް ޒަކީ

ހުސްވި މާޗުމަހު ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު 39 ޕަސެންޓު އިތުރުވެ، އިންޕޯޓް ކުރި އަދަދު ނުވަ ޕަސެންޓް ދަށްވެ ލިބުނު އާމްދަނީ ހަތަރު ޕަސެންޓް ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާޗްމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 341 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިއީ ކުރީ އަހަރުގެ މާޗްމަހާ އަޅާބަލާ އިރު 95 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ހުސްވި މާޗްމަހު 4.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ. މިދިޔަ އަހަރުގެ މާޗްމަހު 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެކްސްޕޯޓާއި އިމްޕޯޓުން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 267 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިދިޔަ އަހަރުގެ މާޗްމަހު ލިބިފައިވަނީ 277 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިވަނީ ދައުލަތަށް ލިބުނު އާމްދަނީ ހަތަރު ޕަސެންޓް ދަށަށްގޮސްފައެވެ.