ޚަބަރު

"ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން ރައީސްގެ އަނބިކަނބަލުން އިފްތިތާހު ކޮށްދެއްވައިފި

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ "ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެކަމަނާ މި ކެންޕެއިން އިފްތިތާޙްކޮށްދެއްވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި، މި ކެންޕެއިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ކެންޕެއިން އިފްޠިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އާދަޔާ ޚިލާފަށް ކަންކަމާ ދެރަވެ، ހާސްވެ، ބިރުގަނެ، ރޮވި، ގިނަ ދުވަސްތަކެއް ވަންދެން ކޮޓަރިން ނުވަތަ ގެއިން ނުނުކުމެ، އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، އާންމުކޮށް ސްކޫލަށް ނުވަތަ އޮފީހަށް ސަލާން ބުނެ، އެކަނިވެރި ދިރިއުޅުމެއް އުޅެ، ކުރަން ބޭނުންވާ އެތައްކަމެއް ނުކުރެވިފައިވާ އެތައްބަޔަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަކަމަށެވެ.

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވަޢުދެކެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.