ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލާން ކުރި ހުކުމް ދާދި ދެންމެ ހައިކޯޓުން ބާތިލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ވަނީ ރައީސް މައުމޫނުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލުކޮށްފަ އެވެ. އެހުއްދަތައް ވެސް ހައިކޯޓުގެ ހުކުމުން ވަނީ ރައީސް މައުމޫނަށް އަލުން ދީފަ އެވެ.
ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި ރައީސް މައުމޫނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އުސޫލުތަކާ ޚިލާފަށް އިއްވާފައިވާ ހުކުމެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން ނުދެއްވި މައްސަލައިގަ އެވެ. އެ މައްސަލައިގައި ދައުލަތުން ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމަށް ބުނެ އެވެ.