އެމްޑީޕީން މިއަދު މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕޭން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލޭގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ މަނިކުފާނުގެ ރަނިން މޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ދޮރުން ދޮރަށް ހިންގެވީ އައްޑޫ ސިޓީގައެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ މެމްބަރުންނާއި ކައުންސިލަރުން އަދި އެމްޑީޕީގެ އާންމު މެންބަރުން ވަނީ ބައިވެރިވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި މި ހަރަކާތުގެ ތެރެއިން ދެވަނަ ބުރަކަށް އެމްޑީޕީން ނުކުމެ ތިބީ ގަދަކޮށްކަން އެނގިގެންދާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގެ މި ހަރަކާތުން ފާހަގަވީ އަނިޔާވެރިކަމަށް ދިވެހިން ދެންވެސް ބުނާނީ ނޫނެކޭ ކަމަށް ވިދާޅުވިއެވެ.