ޚަބަރު

ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ކުއްޖަކު މަރުވެއްޖެ

އޯވޭރިއަން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި މަރުވެފައިވަނީ ރެހެންދި ސްކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުންދާ ގއ. ދާންދޫ/ މަސްތަކާގެ، އާމިނަތު އަލީ އާދަމް، 10އ. އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު, ޑރ. އަހުމަދު ފައިސަލް "ވަން" އަށް ވިދާޅުވި ގޮތުގައި، އާމިނަތަކީ އޯވޭރިއަން ކެންސަރު ޖެހިގެން އެންމެ ފަހު މަރުހަލާގައި ފަރުވާދެމުންދިޔަ ކުއްޖެކެވެ. ނަމަވެސް އޯވޭރިއަން ކެންސަރަކީ ކުޑަކުދިންގެ މެދުގައި އެހާ އާންމު ވައްތަރެއްގެ ކެންސަރެއް ނޫން ކަމަށް ވިދާޅުވިއެވެ.

އައިމިނަތުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ 10:30ގައި ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކެންސަރު ބަލީގައި މިއަދު 10 އަހަރުގެ ކުއްޖަކު ނިޔާވި އިރު، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކެންސަރުގައި 15 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް 15 އަހަރުގެ ކުއްޖަކު ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ.