ސަޕޯޓަރުން އެދޭ ނަމަ، ޕީޕީއެމްއާ ދުރަށް ވަޑައިގަންނަވާނެ ކަމަށާއި ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް އާއިލާ އިން ވެސް އާދޭސްކުރާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސަޕޯޓަރުން ހިމެނޭ ގްރޫޕެއްގައި އެމަނިކުފާނު ލިޔުއްވި މެސެޖެއްގައެވެ.
"ތިކުދިން މިއަދުވެސް ނިންމާ. އަހަރެން ދުރަށް ޖެހިލާނަން. އަހަރެންގެ ފެމިލީ އާދޭސް ކުރޭ ދުރަށް ޖެހިލަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެ ގްރޫޕުގައި ރައީސް ޔާމީން އިތުރަށް ލިޔުއްވާފައިވަނީ، އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އަލަށް ހަވާލުވާ މީހުން ޒިންމާ ނަގަން ކެރެންވާނެ ކަމަށެވެ. އަދި ޕާޓީއަށް ފައިސާ ހޯދުމާއި މެމްބަރުން އިތުރުކުރަން ދަތުރު ވެސް ކުރަން ވާނެ ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާ އިރު، ޕީޕީއެމްއަށް ފާއިތުވެދިޔަ ތިން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށާއި ލީޑާޝިޕުން ފެއިލްވި ހުރިހާ ބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ނިހާން ވަނީ ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވެސް މިރޭ އިސްތިއުފާދެއްވައިފައެވެ.