އަހްމަދު ނިހާން ހުސައިން މަނިކު

އިންތިހާބުތަކުން ޕީޕީއެމް ބަލިވީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން، ފެއިލްވި ހުރިހާ ބޭފުޅުން އިސްތިއުފާދީ: ނިހާން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ފާއިތުވެދިޔަ ތިން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށާއި ލީޑާޝިޕުން ފެއިލްވި ހުރިހާ ބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ނިހާން ވަނީ ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވެސް އިސްތިއުފާދެއްވައިފައެވެ.

ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ 2017ގެ ލޯކަލް ކައުންސިލް އިންތިހާބާއި 2018ގެ ރިޔާސީ އިންތިހާބު އަދި 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ޕީޕީއެމްއަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށާއި އެބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ.

"ޕީޕީއެމްގެ ލީޑާޝިޕުން ފެއިލްވި ހުރިހާ އެންމެން ދުރަށް ދާން ޖެހޭ. އަދި އާ ލީޑާޝިޕަކަށް ޖާގަ ދޭން ޖެހޭ. 2017ގެ ލޯކަލް އިންތިހާބު، އަދި 2018ގެ ރިޔާސީ އިންތިހާބުގެ އިތުރުން 2019ގެ މަޖިލިސް އިންތިހާބު ޕީޕީއެމްއަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން. އެ އެންމެން އިސްތިއުފާ!!،" ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ކުރު މުއްދަތެއްގައި ރާއްޖޭގެ ވެރިކަމާ ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށާއި ޕާޓީ މިހާތަނަށް ހޯދި ހުރިހާ ކާމިޔާބެއްގެ ހައްގުވެރި ފަރާތްތަކަކީ އާންމު މެމްބަރުން ކަމަށެވެ. އަދި ޕާޓީގެ އިހުލާސްތެރި އާންމު މެމްބަރުންނަށް އިތުރަށް ހިތާމައާއި ގެއްލުން ދިނުމުގެ ޖާގައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރުކަމުން ނިހާން އިސްތިއުފާދެއްވި ނަމަވެސް، އާންމު މެމްބަރެއްގެ ގޮތުގައި އެ ޕާޓީއަށް އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ރިއްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިހާން ވާދަކުރެއްވީ ތިނަދޫ ދެކުނު ދާއިރާއަށެވެ. ނަމަވެސް އެ އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ނިހާންގެ އިތުރުން ޕީޕީއެމް އަދި އެ ޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ގިނަ ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ތެރޭގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނިވަޑައިގަންނަވައެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ފަސް ގޮނޑި ލިބުނު އިރު، ޕީއެންސީއަށް ލިބުނީ ތިން ގޮނޑިއެވެ. އެ އިންތިހާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި އެމްޑީޕީން ވަނީ 65 ގޮނޑި ހޯދައިފައެވެ.