ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ހިދުމަތްތައް ފުޅާކުރުން"

މިއީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާއިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް ކަމަށާއި މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިރާގުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާ ބްރޯޑްބޭންޑް ހިދުމަތުގެ މުހިންމު ލަނޑުދަނޑިއެއް ހާސިލުވުމާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ދުރުދުރުގައި ހުއްޓަސް، ދިރާގުން މިހާރު ވަނީ މުޅި ރާއްޖެ ގުޅުވައިލަދީފައި ކަމަށާއި މިރޭ މި ފާހަގަކުރަނީ، ދިރާގު ފިކްސްޑް ބްރޯޑް ބޭންޑްގެ ހިދުމަތް، ރާއްޖޭގެ 75 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދެވުމުގެ ކާމިޔާބީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖެ ފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގެ، މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެ ގޮންޖެހުންތަކާއެކު ވެސް، ދިރާގުން އެ އަންނަނީ ޒަމާނީ މުވާސަލާތީ ލުއިފަސޭހަކަމާއެކު، އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްގީގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އީޖާދީ ހައްލުތައް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގައި، ދިރާގުން އަންނަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަކުރެއްވިއެވެ.

"ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ހިދުމަތްތެރިއެއް. ވަކިން ހާއްސަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްގީ ކުރުމުގައި، ދިރާގުގެ ހިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ދިރާގުން ހޯދާފައިވާ ކުރިއެރުންތަކާއި ދެމުންގެންދާ އައު ހިދުމަތްތަކުގެ މައްޗަށް ބައްލަވައި ލައްވަމުން ރައީސް ވިދާޅުވީ ވިޔަފާރިއާއި މުވާސަލާތީ ދާއިރާ ފަހަނައަޅައި، އިޖްތިމާއީ ގުޅުންތަކުގައި ވެސް، ދިރާގުން އަންނަނީ ރަސްކަން ކުރަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޓަނެޓް ވިއުގައިގެ ތެރެއިން، ޓީވީގެ ހިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަކީ ވެސް ދިރާގު ކަމަށާއި އެ މަޝްރޫޢުގެ ދަށުން ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިރާގުގެ ކާމިޔާބީތަކުގެ ސަބަބުން ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިއްޖެ ކަމަށާއި އެހެންކަމުން، 21 ވަނަ ގަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެ ސަވާރީއެއްގެ ގޮތުގައި ފެންނަނީ ދިރާގު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ހިދުމަތްތައް ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް، މިއަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބި، ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށްވުރެވެސް ކުޑަވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވިގޮތުގައި ދިރާގުން ފަށާފައިވާ ފައިބަރ ބްރޯޑްބޭންޑް މަޝްރޫއުގެ ދަށުން ވެރިރަށް މާލެއާއެކު، އާބާދީ އެންމެ ބޮޑެތި 58 ރަށަށް ދިރާގުގެ ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މިހާރު ލިބޭނެ ކަމަށާއި ރަށުގެ އަދަދު މަދުވިޔަސް، އެއީ ރާއްޖޭގެ އާބާދީގެ 75 އިންސައްތަ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު އެއް ރަށުން އަނެއް ރަށަށް މުވާސަލާތު ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅާލާފައިވާ 1253 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް ވިއުގައަކުން. މިދެންނެވި ވިއުގައަކީ މިރާއްޖޭގެ އިގްތިޞާދީ، ސިއްހީ އަދި އިޖްތިމާއީ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ވިއުގައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ސަރަހައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓުތަކާއި އަތޮޅު ތައުލީމީ މަރުކަޒުތަކާއި ސްކޫލްތަކާއި މަދަރުސާތަކާއި ޝަރުއީ ކޯޓުތައް ވެސް މިހާރުވަނީ ޑިޖިޓަލް ވިއުގައިން ގުޅާލެވި އެއްތަން ކުރެވިފައެވެ.

ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އައު ކަންތަކަށް ތަރުހީބުދޭ ބަޔަކަށްވާ އިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމުގައި މިހާރަށް ވުރެ ފުޅާ ގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާ މެދު ވިސްނަންވެއްޖެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިކަމުގައި ވެސް ދިރާގަށް ވަރަށް އިސް ދައުރެއް އަދާ ކުރެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ދިރާގު ހައި-ސްޕިޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ %75 އަށް ފޯރުކޮށްދިނުން ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.