އަމީތާބް ބަޗަން

ޓެކްސްގެ ގޮތުގައި 70 ކަރޯޑް ރުޕީސް އަމީތާބް ދައްކައިފި

2018-2019 ގެ ޓެކްސްގެ ގޮތުގައި 70 ކްރޯޑް ރުޕީސް މެގާ ސްޓާ އަމީތާބް ބަޗަން ދައްކައިފިއެވެ.

އަމީތާބްގެ ތަރުޖަމާނު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އަމީތާބް ވަނީ 2،084 ދަނޑުވެރިންގެ ލޯނު ދައްކައިފައެވެ. އަދި 10 ލައްކަ ރުޕީސް ވަނީ ފެބްރުއަރީ 14ގައި ޕުލްވަމާ ޓެރާ އެޓޭކްގައި މަރުވި މީހުންގެ އާއިލާތަކަށް އެހީގެ ގޮތުގައި ދީފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މިއަހަރު އަމީތާބް އަދި ކުޅެފައިވަނީ ފިލްމު ބަދްލާ އެކަނި ކަމަށެވެ. ތާޕްސީ ޕަންނު، އަމްރިތާ ސިންގް، ޓޯނީ ލޫކް، މާނަވް ކޯލް އަދި ތާންވީރު ގަނީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ މިސްޓްރީ ތްރިލާއެކެވެ.

ދެން އަމީތާބް ފެނިގެން ދާނީ ފެންޓަސީ ޓްރިލޮޖީ "ބްރާމަސްތްރާ" އިންނެވެ. އެ ފިލްމު ރިލީސް ކުރަނީ މިއަހަރުގެ ޑިސެމްބަރުގައެވެ. ފިލްމުގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

މީގެ އިތުރުން ތަމަޅަ ފިލްމެއް ކުޅުމުގެ މަސައްކަތްވެސް އަމީތާބް ކުރަމުން އަންނަ ކަމަށް އެބަޔާނުގައި ވެއެވެ.