ވޮލީ ބޯލް

ޤައުމީ ވޮލީބޯޅަ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފި

ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބް އަތުން 2-3 ސެޓުން މޮޅުވެ ޕޮލިސް ކްލަބުން 50 ވަނަ ޤައުމީ ވޮލީބޯޅަ އަންހެން ޑިވިޝަން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު 25-15 އިން ފަސޭހަކަމާއެކު ފޮނަދޫ އިންވަނީ ގެންގޮސް ޕޮލިހުން ސިއްސުވާލާފައެވެ. ނަމަވެސް ދެވަނަ ސެޓުގައި ޕޮލިސް ކްލަބުން ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކައި 19-25 އިން އެ ސެޓު ގެންގޮސްފައެވެ. މި ސެޓުގައި ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާގެ މޮޅު ކުޅުން ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ތިން ވަނަ ސެޓު ފަށައިގެން ފޮނަދޫ އިން ލީޑު ދަމަހައްޓަމުން ދިޔަނަމަވެސް، ޕޮލިހުންވަނީ ސެޓުގެ މެދާހަމައިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އަދި ތިންވަނަ ސެޓު 17-25 އިން އެޓީމުން ގެންދިޔައެވެ.

މެޗުގެ ހަތަރު ވަނަ ސެޓަށް ޕޮލިހުން ނިކުތީ ވަރަށް ޔަޤީންކަމާއެކު ސެޓު ކާމިޔާބުކޮށް ތަށި ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް، ފޮނަދޫ ޓީމުގެ އައިޝަތު ޝައްފަ އާއި މާޖިދާގެ މޮޅު ކުޅުމާއެކު 26-24 އިން ސެޓު ކާމިޔާބުކޮށް މެޗު ފަސްވަނަ ސެޓަކަށް ގެންދިޔައެވެ.

ފަހުސެޓުގައި ޕޮލިހުންވަނީ ސެޓު ފެށުނުކޮޅު ބޮޑު ލީޑެއް ނަގާފައެވެ. އަދި ސެޓު ނިމިގެން ދިޔައީ 08-15 އިން މި ސެޓު ޕޮލިހުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލައިގެންނެވެ. މިއީ ވޭތުވެ ދިޔަ ދެ އަހަރު ފައިނަލްގައި ބަލިވި ޕޮލިހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަން އެޓީމުގެ ކޯޗު ހާލިދު މުޙައްމަދު ވަނީ ބުނެފައެވެ. އެންމެ ފަހުން ދެއަހަރުވެސް ޕޮލިސް ކްލަބް ވަނީ ފައިނަލްގައި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން އަތުން ބަލިވެފައެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޕޮލިހުގެ ހައްވަގެ އިތުރުން، އެޓީމުގެ ނުހާ އާއި ފޮނަދޫގެ ޝައްފަ އާއި ޖޫޒާން އާއި މާޖިދާ އަދި ހައްވާ ސަހާގެ އިތުރުން ކްލަބް ވެމްކޯގެ ޝައުފާ އާދަމް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޕޮލިހުގެ ޝަހާ ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ.