ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އެރިކް ލެވަޓޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހުއަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު ފްރާންސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
އެގޮތުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ފްރާންސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީންކުރައްވައި، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފްރާންސްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ދެގައުމުގެ ގުޅުން ބަދަހިވެގެން ދިއުމާއެކު، ވޭތުވެ ދިޔަ އަހަރުތަކުގައި ފްރާންސުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ފްރާންސްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ އަމާން ކަމާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިއަށް ގެންގޮސް ކާމިޔާބު ނަތީޖާއެއް ހޯއްދަވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ.
އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް އިސްކަން ދެއްވައިގެން ސަރުކާރުގެ ވައުދުތައް ފުއްދަމުން ގެންދިއުމަށް ސަފީރު އެދިވަޑައިގެންނެވިއެވެ.
ފްރާންސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ހިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި މި ފުރުސަތަކީ ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.