ޚަބަރު

ކުރިއަށް އޮތް ދައުރަށް ޕީޕީއެމްގެ މެނިފެސްޓޯ ނެރެފި

ކުރިއަށް އޮތް ދައުރަށް ޕީޕީއެމްއިން ތައްޔާރުކޮށްފައިވާ އެ ޕާޓީގެ މެނިފެސްޓޯ ނެރެފިއެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ބޮޑު ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ ނެރެދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔީމެވެ. "ތަރައްގީގެ ހިއްސާ އެންމެންނަށް" ޝިއާރުގެ ދަށުން ނެރެފައިވާ މެނިފެސްޓޯގައި ހިމެނޭ ދާއިރާތަކަކީ ޓޫރިޒަމް، މެރިޓައިމް ހަބް، މަސްވެރިކަން، ދަނޑުވެރިކަން، ސިއްހީ ދާއިރާ، ތައުލީމު، އިންފްރާ ސްޓްރަކްޗާއާއި އާބަން ޑިވަލޮޕްމަންޓް، އިޖްތިމާއި ރައްކާތެރިކަން އަދި ޒުވާނުންނެވެ.


ޓޫރިޒަމް:

  • ޓޫރިސްޓުން ޒިޔާރަތްކުރާ އަދަދު ފަސް މިލިއަނަށް ގެންދިއުން.
  • ފ. އަތޮޅަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ހަބަކަށް ބަދަލުކުރުން.
  • ހުޅުމާލެ މޫދުގައި، އާޓިފިޝަލް ސާފިން ޕޮއިންޓެއް ގާއިމްކޮށް ސާފިން ޑެސްޓިނޭޝަނަކަށް ހެދުން.
  • ހުވަދު އަތޮޅުގައި 10،000 އެނދު ތަރައްގީކޮށް ޓޫރިޒަމް ޒޯނެއް ގާއިމްކުރުން.
  • މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުވުމުން ހުސްވާ ބިމުގައި ހައި އެންޑް ހޮޓާތައް ގާއިމް ކުރުމުން.


މެރިޓައިމް ހަބް:

  • ތިލަފުށީ ޕޯޓާއި މާލެ ބްރިޖަކުން ގުޅާލުން.
  • އައްޑޫގައި ބަންކަރިންނާއި، ޑޮކިން އަދި ބޯޓްތަކަށް ތެޔޮ އެޅޭނެ ފެސިލިޓީ ގާއިމްކުރުން.
  • މާލޭގެ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ޓްރާންޝިޕްމަންޓް ބަނދަރަކަށް ތަރައްގީކުރުން.


މަސްވެރިކަން:

  • ޒަމާނާ އެއްގޮތަށް މަސްދޯނިތައް ކުޑަ އަގެއްގައި ހެދުން.
  • ދޯނި ފަހަރު ބަނުމަށް އެމްއެމްއީ ލޯން ސްކީމް ތައާރަފްކުރުން.
  • މެރިން އިންޖީނުތަކަށް ޓެކްސް ކުޑަކުރުން.
  • މަސްދޯނި ފަހަރަށް އައިސްޕްލާންޓާއި އެހެނިހެން ސާމާނުތައް ފޯރުކޮށްދިނުން.


ސިއްހީ ދާއިރާ:

  • ފުރަތަމަ ފަހަރަށް އޯގަން ޓްރާންސްޕްލާންޓް ސެންޓަރެއް ގާއިމްކުރުން.
  • ރީޖަނަލް ހޮސްޕިޓަލްތައް މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލްތަކަށް ބަދަލުކޮށް، އެތަންތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން.
  • ދަރުމަވަންތަ ހޮސްޕިޓަލާއި އެހެން ރީޖަނަލް ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލުން.
  • ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ތަންތަނެއް ޓެލެމެޑިސިން ނެޓްވޯކަކުން ގުޅާލުން.
  • މާބަނޑު މީހުންނަށާއި ކުޑަކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ގާއިމްކުރުން.
  • ދަރުމަވަންތަ ހޮސްޕިޓަލް ފޭސް 2ގެ ދަށުން 850 އެނދުގެ މަލްޓި ޑިސިޕްލިނަރީ މެޑިކަލް ފެސިލިޓީ ގާއިމްކޮށް، ސެޓެލައިޓް ސެންޓަރުގެ ގޮތުގައި އައްޑޫ ސިޓީ ހިތަދޫއާއި ހދ. ކުޅުދުއްފުށި ހެދުން.
  • ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށްދިނުމަށް އާސަންދަ ސްކީމަށް ބަދަލުތަކެއް ގެނައުން.
  • ވީހާވެސް އަވަހަކަށް ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމަށް ޕެރަމެޑިކްސް ޔުނިޓުތައް ގާއިމްކުރުން.
  • ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގައި ސްޕޯޓްސް ފިޒިއޮތެރަޕީ ސެންޓަރުތައް ގާއިމްކުރުން.
  • ހައިޕާޓެންސިވް އަދި ހަކުރުބަލީގެ ޕޭޝަންޓުންނަށް ހިލޭ ޓެސްޓް ހެދޭނެ މަގުފަހިކޮށްދީ، މޮނީޓަރިން ކިޓް ފޯރުކޮށްދިނުން.
  • ޑޮކްޓަރުން އިތުރުކުރުމަށް އެކްރެޑިޓެޑް މެޑިކަލް ޔުނިވާސިޓީއެއް ގާއިމްކޮށް، ރާއްޖޭގެ މެޑިކަލް ދަރިވަރުންނަށް އެންމެ މަތީ ފެންވަރުގައި ތަމްރީނުތައް ފުރިހަމަކުރެވޭނެ މަގުފަހި ކޮށްދިނުން.


ތައުލީމު:

  • މޯގޭޖް ކުރުމެއްނެތި ގައުމުން ބޭރުގައި ކިޔެވުމަށް ލޯނު ދިނުން.
  • ގައުމުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ބިނާކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އެންޑް މެތެމެޓިކްސް (ސްޓެމް) އެޑިއުކޭޝަން ކަރިކިއުލަމްއެއް ތައާރަފްކުރުން.
  • އެޕް ޑެވެލޮޕަރުންނާއި ކޯޑަރުން ބިނާކުރުމަށް ގައުމީ ކަރިކިއުލަމްގެ ތެރޭގައި އައިޓީ ދާއިރާއަށް އިސްކަމެއް ދިނުން.


އިންފްރާ ސްޓްރަކްޗާ އާބަން ޑިވަލޮޕްމަންޓް:

  • އަތޮޅުތަކުގައި 500 ހައުސިން ޔުނިޓް ގާއިމްކުރުން.
  • ގްރޭޓާ މާލޭ ޒޯންގެ އިތުރުން އުތުރާއި ދެކުނުގައި އިގްތިސާދީ ދެ ސަރަހައްދު ގާއިމްކުރުން.
  • ކުނި ރީސައިކަލް ކުރާނެ ހަތް ސެންޓަރެއް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރުން.
  • ދުވާލަށް ބޭނުންވާ ހަކަތައިގެ 50 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުން.
  • ބައިސްކަލުން ނަގާ ޑިއުޓީ އުވާލައި، ރަށްރަށުގައި ބައިސްކަލް ލޭންތައް ގާއިމްކުރުން.
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށް ނިންމުން.
  • ގްރޭޓާ މާލޭ ސަރަހައްދަށް ބޭނުންވާ ހަކަތައިގެ ވަކި މިންވަރެއް ތިލަފުއްޓަށް ގެންދާ ކުނިން އުފެއްދުން.


އޭގެ އިތުރުން ވެސް ޓޫރިޒަމް، މެރިޓައިމް ހަބް، މަސްވެރިކަން، ދަނޑުވެރިކަން، ސިއްހީ ދާއިރާ، ތައުލީމު، އިންފްރާ ސްޓްރަކްޗާއާއި އާބަން ޑިވަލޮޕްމަންޓް، އިޖްތިމާއި ރައްކާތެރިކަން އަދި ޒުވާނުންގެ ދާއިރާއިން ގިނަ ވައުދުތަކެއް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މެނިފެސްޓޯ ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯއަކީ މުޅިން އާ އުންމީދުތަކެއް ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށާއި މެނިފެސްޓޯގައި ހުރި ކަންތައްތަކަކީ މީގެ ކުރިން އެމަނިކުފާނު ކުރިން ގެންނެވި މެނިފެސްޓޯގައި ހުރި ކަންކަމާ ގުޅިލާމެހިގެން ރާއްޖެ ތަރައްގީ ކުރާނެ ގޮތް ހިމެނޭނެ މެނިފެސްޓޯއެއް ކަމަށެވެ. އަދި މެނިފެސްޓޯގެ ސަބަބުން، ރާއްޖޭގެ އާމްދަނީ އިތުރުވެ ތަނަވަސް ރާއްޖެއަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.