ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ގެއްލިވަޑައިގެން އެ މަގާމު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގެންފިއެވެ.
އެ ބަދަލު އައީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި، ދަ ޑިމޮކްރެޓްސްގެ 10 މެންބަރުން ރަޖިސްޓްރީ ކުރުމާ ގުޅިގެންނެވެ. ޑިމޮކްރެޓްސްގައި މަޖިލީހުގެ 13 މެންބަރުން ތިއްބެވި ނަމަވެސް މިހާތަނަށް މަޖިލީހުގައި އޮތް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައި ތިބީ ތިން މެންބަރުންނެވެ.
މިހާތަނަށް ރަޖިސްޓްރީ ނުކޮށް ތިބި 10 މެންބަރުން މަޖިލީހުގެ ދަފުތަރުގައި ރަޖިސްޓްރީ ކުރުމާ ގުޅިގެން، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އަލީ އާޒިމް ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ.
މި ބަދަލާއެކު މަޖިލިސް ތަޅުމުގައި މެންބަރުން ބަހުސް ކުރުމަށް ޕާޓީތަކަށް ލިބޭ ވަގުތަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، އެކަން ފަހުން މަޖިލީހުން ފާސް ކުރައްވާނެ ކަމަށެވެ.