އެމްޓީސީސީން ތ. އަތޮޅާއި ދ. އަތޮޅައި ދެމެދު ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެމްޓީސީސީގެ އެޗްއޯޑީ ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ނާޒިމް ''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދ. ކުޑަހުވަދޫއާއި ތ. ބުރުނީއާ ދެމެދު ފެރީގެ ހިދުމަތް ފެށުމަށް އިއްޔެ ހަވީރު ބުރުނީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ.
އިއްޔެ ފެށުނު ފެރީގެ ހިދުމަތް ދެމުންދާނީ ބުރުނީން ކުޑަހުވަދޫއަށެވެ. ނާޒިމް ވިދާޅުވީ ކުޑަހުވަދޫއާއި ބުރުންޏާ ދެމެދު ފެރީގެ ހިދުމަތް ދެމުންދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކަމަށެވެ.
ދަތުރުތައް އެގޮތަށް ހަމަޖެއްސުމުން ތ. އަތޮޅުގެ ރައްޔިތުންނަށް ކުޑަހުވަދޫ މެދުވެރިކޮށް ދ. އަތޮޅުގެ އެހެން ރަށްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ތ. ބުރުނީއާއި އެއަތޮޅު ކަނޑުދޫއާ ދެމެދު ފެރީގެ ހިދުމަތް ދެމުންދާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ބުރުންޏަކީ އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިކޮށް އޮންނަ ރަށަކަށް ވުމުން ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކުވެސް ބުރުންޏާއި ކަނޑުދޫއާ ދެމެދު ފެރީގެ ހިދުމަތް ދެމުންދާ ކަމަށެވެ.