ފަލަސްތީން ސަރުކާރާއި ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަލަސްތީނުގެ އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ވަލީދު އޭ. އެމް. އަބޫއަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ވަނީ އަރުވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދެގައުމުގެ ގުޅުމާބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއްކަން ފާހަގަކުރެއްވިއެވެ. ފަލަސްތީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާކަން ފާހަގަކުރައްވައި، އެ ތާއީދު އެގޮތުގައި ދެމި އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ސަފީރު މިސްޓަރ ވަލީދު އޭ. އެމް އަބޫ އަލީ ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރެއްވިއެވެ. އަދި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން އެކަމާ އުފާކުރައްވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންއަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ގްރޭސް އަކެލޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެކަމަނާއަށް ތަހުނިޔާ ދަންނަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޔުގަންޑާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޔުގަންޑާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. ހާއްސަކޮށް ރާއްޖެއާއި ޔުގަންޑާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ޔުގަންޑާގެ ސަފީރު ވަނީ، އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ޔުގަންޑާގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފައެވެ. މީގެއިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.