ނ. މާފަރު އެއާޕޯޓަށް ބިސްއެޅި ވެލާ މަރުވެއްޖެއެވެ.
މާފަރުން ވާހަކަދެއްކި މީހަކު ބުނީ ވެލާ މަރުވެގެން އެރަށު ގޮނޑު ދޮށަށް ލައްގާފައި ވަނިކޮށް ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ވެލާ މަރުވެފައި އޮއްވައި ފެނުނު ފޮޓޯތަކެއް މީސް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ވެލާގެ ބުރަކަށި މަތީގައި ގޭނިފައި ހުރި ތަންގަނޑެއް ފޮޓޯއިން ފެންނަން ހުރެއެވެ. އަދި ވެލާގެ ކަރުދަށުގައި ވެސް ހަލާކުވެފައިވާ ތަނެއް ފެންނަން ހުއްޓެވެ.
އެހެންކަމުން އެއީ ވެލާ ރަންވޭމަތީގައި ދަމާފައި ގެންދިއުމުން ވެފައި ހުރި ގޮތެއް ކަމަށް ބެލެވެއެވެ.
މިވެލާ ރަންވޭމައްޗަށް ބިސް އަޅައިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެދުވަހު ވެލާ ބިސް އަޅަން އަރާ ރަންވޭމަތީގައި އޮއްވައި ފެނުނީ އެއާޕޯޓްގެ މަސައްކަތްތައް ބަލައިލުމަށް ގޮސްތިބި އަބޫދާބީގެ ބަޔަކު ހެނދުނު ފުރަންވެގެން ފްލައިޓެއް ޖައްސާތީ ރަންވޭ ޗެކުކުރަން އުޅުނު ބަޔަކަށެވެ.
ރަންވޭމައްޗަށް ތިން ބިސް އަޅާފައި އޮތް ވެލާ މޫދަށް ދޫކޮށްލި ކަމަށް އޭނާ ބުންޏެވެ. މާފަރު މީހުން ބުނާ ގޮތުގައި އެރަށުގައި އެއާޕޯޓް ހަދާފައިވާ ސަރަހައްދަކީ އަބަދުވެސް ވެލާ އަރާ ސަރަހައްދެކެވެ.