މިއަދުން ފެށިގެން ޓޫރިސްޓް ވިސާގައި ދިވެހިންނަށް ތައިލެންޑުގައި އެއް މަސްދުވަހު ހުރެވޭނެ ކަމަށް ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.
ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ބުނީ މިއަދުން ފެށިގެން ޓޫރިސްޓް ވިސާގައި ތައިލެންޑަށް ދާ ދިވެހިންނަށް ތިރީސް ދުވަހު އެގައުމުގައި ހުރެވޭނެ ކަމަށެވެ.
ތައިލެންޑަށް ދާ ދިވެހިންނަށް ވިސާގެ ލުޔެއް ހޯދައިދިނުމަށް މިދިޔަ މާޗު މަހުގެ ވިހި ވަނަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތައިލެންޑްގެ އިސް ވަފުދަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.
ޝާހިދު ވަނީ ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއި ލިބޭނެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރައްވައިފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރީގެ ބޭނުމަށް ތައިލެންޑަށް ގޮސް އުޅޭއިރު ވިސާއަށް ގެނައި މިބަދަލާ ގުޅިގެން ދިވެހިންނަށް ބޮޑެ ލުޔެއް ލިބިގެންދާނެއެވެ. ދިވެހިންނަށް ތައިލެންޑްގެ ވިސާ ލިބޭނެ ލުއި ގޮތެއް ހަމަޖެހިގެން ދިޔައިރު، އިންޑިއާއިން ރާއްޖެއަށް ދިން ވިސާގެ ލުއިތަކަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.