އަލަށް ފަށައިގަންނަ ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އަގެއްގައި އޮފީސް ޖާގަ ކުއްޔަށް ހިފޭނެ އިމާރާތެއް މާލެ ސަރަހައްދުގައި ހަދަދައިދޭން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ށ. ފުނަދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އަލަށް ފަށައިގަންނަ ވިޔަފާރިތަކަށާއި ކުދި އަދި މެންދުފަންތީގެ ވިޔަފާރިތަަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތް ކުރާނެ އޮފީސް ޖާގައެއް ނުލިބުން ކަމަށެވެ.
އެގޮތުން ބޮޑު އަގެއްގައި އެޕާޓްމަންޓެއް ހިފައިގެން އުޅެން ޖެހުމަކީ އެފަދަ ވިޔަފާރިތަކަށް ފުޅާ ނުކުރެވި ފަހަތު ފަޔަށް ބުރަވާ މައިގަނޑު ސަބަބު ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭނާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްލޭންގެ ތެރޭގައި ވަރަށް އިސްކަން ދީގެން މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.
"ކުދި ވިޔަފާރިތަކަށް ލުއި އަގެއްގައި ކުއްޔަށް ހިފޭ އޮފީސް ޖާގަ ލިބޭ އޮފީސް އިމާރާތެއް ގާއިމުކޮށްދޭނަން. އެ އިމާރާތަކީ އެސްއެމްއީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށްޓަކާ ކުއްޔަށް ދޭ ޖާގަ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކެފޭ ފަދަ ތަންތަނާއެކު ހަދާ އެ އިމާރާތުން އެކުވެރިންނާ ގުޅިގެން ކޯ ކޮންސެޕްޓުގައިވެސް ޖާގަ ކުއްޔަށް ނެގޭނެ ކަމަށެވެ. މާލެ ސަރަހައްދުގައި ހަދާ އެ އިމާރާތް ވާނީ ޕައިލެޓް މަޝްރޫއަކަށް ކަމަށާއި އެކަމުން ލިބޭ ކާމިޔާބީއަށް ބަލައި އެހެން ސަރަހައްދުތަކަށް އެކަން ފުޅާ ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.