މާލޭގައި ބޯފެން ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި އެވެ.
ހޫނުގަދަ ވުމުގެ ސަބަބުން ފެނުގެ ޑިމާންޑް ބޮޑުވެފައި ވާއިރު، ފިހާރަތަކުން ފެން ވިއްކުން ކޮންޓްރޯލްކޮށްފައި ވަނީ ބައެއް މީހުން ގަނޑުކޮށް ފެން ގަތުމުގެ ސަބަބުން އެހެން މީހުންނަށް ފެން ލިބުމުގައި ދަތިތަކާ ދިމާ ވުމުގެ ސަބަބުން ނެވެ. މިކަމާ ގުޅިގެން ބައެއް ފިހާރަތަކުގެ ސޭޓުން ވަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ މިހާރު ފެން ވިއްކަނީ ކޮންމެ މީހަކަށް ވެސް ވަކި ވަރަކަށް ކަމަށެވެ. ފަސް ލީޓަރުގެ ފެންފުޅީގެ ޑިމާންޑް ބޮޑު ކަމަށާއި، ފަސް ލީޓަރުގެ ފެންފުޅި ވަރަށް އަވަހަށް ހުސްވާ ކަމަށް އެމީހާ ބުންޏެވެ.
ފިހާރަތަކުން ބުނިގޮތުގައި ތާޒާފެން ލިބުމުގައި ވެސް މިދުވަސްވަރު ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެ ގޮތުން ކުރީން ދުވާލަކަށް ލިބޭ އަދަދު މިހާރު ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަމަށް ފިހާރަތަކުން ބުނެ އެވެ.
ތާޒާފެން ނޫން އެހެން ބްރޭންޑްތަކުގެ ފެން ލިބުމުގައި ފެކްޓްރީތަކުން ދަތިތަކެއް ކުރިމަތިވެފައި ނެތް ކަމަށް ފިހާރަތަކުން ބުނެ އެވެ. އެހެން ނަމަވެސް ފެނުގެ ޑިމާންޑް އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައި ވާތީ ކޮންޓްރޯލުކުރުން ނޫން ގޮތެއް ނެތީ ކަމަށް ވެސް ފިހާރަތަކުން ބުނެ އެވެ.
ތާޒާ ފެނަކީ އެމްޑަބްލިއުއެސްސީގެ ދަށުން ހިންގަމުން އަންނަ އައިލެންޑް ބޭވަރެޖް މޯލްޑިވްސްގެ އުފެއްދުމެކެވެ. ތާޒާ ފެން ސަޕްލައި ކުރާ މިންވަރު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީ އަދި އައިލެންޑް ބޭވަރެޖް މޯލްޑިވްސްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.