ދިވެހިބަަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދިވެހި ބަހުގެ ދުވަހުގެ މުނާސަބާގައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ، "ދިވެހިބަހުން ބުނާށެވެ. ލިޔާށެވެ. ބުނެވޭނެއެވެ. ލިޔެވޭނެއެވެ.،"
ރައީސްގެ ޓުވީޓްގައި ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހައިލޮބުވެތި ރައްޔިތުންނަށް އަރިސްކުރާކަމަށް ވަނީ ވިދާޅުވެފައެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ދެއްވި މެސެޖުގައި ވަނީ ދިވެހިބަހުން ކުރާ މުއާމަލާތުތައް އިތުރު ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ ގަވައިދު ''ނަން'' ފޮތް އެކަޑަމީން މިއަދު ވަނީ ނެރެފައެވެ. މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.