ދިވެހި ބަހުގެ އެކަޑެމީ

ދިވެހިބަހުން ކުރާ މުއާމަލާތުތައް ވަނީ އިތުރު ކުރަންޖެހިފައި: އަޝްރަފް

އިބްރާހިމް ޒަކީ

ދިވެހިބަހުން ކުރާ މުއާމަލާތުތައް އިތުރު ކުރަންޖެހިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

އަޝްރަފް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގަ އެވެ.

މި ޚިތޯބުގައި އަޝްރަފް ވިދާޅުވީ، ދިވެހިބަސް ހީނަރުވާން ދިމާވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި، ދިވެހިބަހުން ވާހަކަ ދެއްކެން އޮންނަ ހާލަތްތަކުގައި ދިވެހިބަހުން ވާހަކަ ނުދައްކައި ބޭރު ބަސްބަހުން ވާހަކަ ދައްކައި ލިޔެހެދުން ހިމެނޭކަމަށެވެ. އޭގެ އިތުރުން ރީތި ދިވެހި ލަފުޒުތައް ހުއްޓައި އެ ފަދަ ލަފުޒުތައް ބޭނުންނުކޮށް ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހިބަހާ މަސްހުނި ކޮށްގެން ވާހަކަ ދެއްކުމާއި، ރީތި ދިވެހި ލަފުޒުތައް އެކި ސިފަސިފަޔަށް ބަދަލުކޮށްގެން ވާހަކަ ދެއްކުމާއި ދިވެހިބަހުގެ ހަމަތަކާއި ގަވާއިދަށް ސަމާލުކަން ނުދީ ވާހަކަދައްކައި ލިޔުންތައް ލިޔުން ފަދަ ކަންކަން ވެސް ހިމެނޭކަމަށެވެ. އެހެންކަމުން ދިވެހިބަހުން ކުރާ މުއާމަލާތްތައް އިތުރުކުރަންޖެހޭކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މިހެންވުމުން ދިވެހިބަހުން ކުރާ މުއާމަލާތުތައް އިތުރު ކުރާން ޖެހެއެވެ. ދިވެހި މުވައްޒަފުން ދިވެހި މުވައްޒަފުންނާ ޖެހިލުންވެ ވަޑައިގަތުމެއް ނެތި ބޭރު ބަސްބަހާ ދިވެހިބަސް މަސްހުނި ނުކުރައްވައި ސާފު ދިވެހިބަހުން ރީތިކޮށް ވާހަކަ ދައްކަވާން ޖެހެއެވެ. ދިވެހި ދަރިވަރުން ދިވެހި ދަރިވަރުންނާ ކުރާ އާންމު މުއާމަލާތްތައް ސާފު ދިވެހިބަހުން ކުރާން ޖެހެއެވެ. ދިވެހި މައިންބަފައިން ދަރީންނާ ސާފު ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަވާން ޖެހެއެވެ. މީޑިއާތަކުން ދިވެހިބަހުން ލިޔާ ލިޔުންތައް ދިވެހިބަސް ބޭނުން ކުޅައުމުގެ ހަމަތަކާއި އުސޫލުތަކާ އެއް ގޮތަށް ލިޔެ އާންމު ކުރާން ޖެހެއެވެ،" އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހާއި ބަހުގެ މުއްސަނދިކަން މާދަމާގެ ޖީލަށް ވާރުތަ ކޮށްދޭން ތިބި ބަޔަކީ އަދުގެ ޖީލުގެ ދިވެހީންކަން ދެނެ ތިބެ ދިވެހިބަހުގެ ދުވަހުގެ އުފާ ފާޅުކޮށް ހިތްތައް ހުޅުވައިގެން ވާހަކަ ދެއްކުމަށް އަޝްރަފް ވަނީ އެދިވަޑައިގެންފައެވެ. އަދި ދިވެހިބަހުން ގިނަގިނައިން ވާހަކަ ދައްކައި، ބަހުގެ ޝަރަފުގައި ދިދަތައް އުފުލައި ސާފު ދިވެހިބަހުން ބަހުސްކުރުމަށާއި، ޅެން ހަދައި ލިޔެ، ހިފެހެއްޓުމެއް ނެތި ހިތަށް އަންނަ ޝުއޫރުތައް ދިވެހިބަހުން ފާޅު ކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މި އަހަރުގެ ދިވެހިބަހުގެ ދުވަހު ގެ ޝިއާރަކީ 'ބުނާނީ، ލިޔާނީ ސާފު ދިވެހިބަހުން' މިއެވެ.