މުހައްމަދު އައުޒަމް
"މާލޭ ރިންގު ރޯޑު' އާއި "ފުވައްމުލަކު ރިންގް ރޯޑް" ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދާ ހިލާފް ވެފައި ވާތީ ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އީޕީއޭގެ ގަވާއިދުގައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމުގެ ގޮތުގައި ލިސްޓު ކޮއްފައިވާ ކަމެއްގެ ގޮތުގައިވާ ޕޭވް ކޮށްގެން މަގު ހެދުމުގެ މަޝްރޫއުތަށް ހިމެނިފައި ވީ ނަމަވެސް "މާލޭ ރިންގް ރޯޑް" ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއްނެތި އަދި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަށް އެދި މި އެޖެންސީއަށް ހުށަހެޅުމެއްނެތި ކަމަށް ވާތީވެ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާން ކޮއްފައިވާ ކުށްތައް ތަކުރާރު ކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލަށް ރިއާޔަތްކޮށް ކުށް ކުރި ފުރަތަމަ ފަހަރަށް ބަލައި 20،000 ރުފިޔާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާ ކޮށްފައިވާކަމަށެވެ.
އަދި "ފުވައްމުލަކު ރިންގް ރޯޑް" ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައިވެސް ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމާއި ހިލާފަށް ހައުސިން މިނިސްޓްރީއިން މަޝްރޫއުގެ މަސައްކަށް ކޮށްފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެފައި ވާތީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދުގެ ދަށުން ބަޔާން ކޮށްފައިވާ ކުށްތައް ތަކުރާރު ކުރާފަރާތްތައް ޖޫރިމަނާ ކުރާ އުސޫލަށް ރިއާޔަތްކޮށް ދެވަނަ ފަހަރަށް ބަލައި ހައުސިން މިނިސްޓްރީ 60،000 ރުފިޔާއަށް ޖޫރިމަނާ ކޮށްފައިވާކަމަށް އީޕީއޭ ނޫސްބަޔާނުގައިވެއެވެ.
އީޕީއޭ އިން ވަނީ މި ދެ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ހައުސިންގ މިނިސްޓްރީ އަށް އަންގާފައެވެ.