ޚަބަރު

މުއިއްޒުގެ ސަރުކާރެއްގައި ކައުންސިލުތައް ބާރުވެރިކުރުވުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަނީ

ކައުންސިލުތައް ރަނގަޅަށް ކުރިއަށްގެންދިއުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިރޭ ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކައުންސިލުތައް ވަރަށް ބާރުގަދަވާނެ ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ސަރުކާރާ ހަމައަށް ގެނެސްދޭ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކައުންސިލުތައް އޮތުން ކަމަށެވެ.

"އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ނިޒާމު ރޭވުމަށްޓަކައި އެކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކުރެވޭނެ. އޭރުން ފައިސާ ލިބޭނީ ހަމައެކަނި ގްރާންޓުގެ ގޮތުގައެއް ނޫން. ސަރުކާރުގެ ތެރެއިން ވެސް ފައިސާ ފުރުސަތު، ފަންޑިންގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވަރަށް ރަނގަޅަށް ބާރުވެރިކުރެވިފައިވާ، ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ކައުންސިލުތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށާއި ރައްޔިތުންގެ މަޝްވަރާތައް ސަރުކާރާ ހިސާބަށް ގެނައުމުގައި އިސް މަސައްކަތްތަކެއް ކުރާ ކައުންސިލުތަކެއް ފެނިގެންދާނެ ކަމަށެވެ.

މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ފިނޭއަށް ވެސް ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ރަށުގައި ލޯކަލް ޓޫރިޒަމް ފެށުމަށް އިންވެސްޓަރުންނަށް ހުޅުވާލުމަށާއި ރައްޔިތުން ބޭނުންވާގޮތަށް މަގުތައް ހަދައިދިނުމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.