ޚަބަރު

ރައީސަށްވެސް މުއިއްޒަށްވެސް އިތުބާރެއް ނެތް، ވޯޓެއް ނުލާނަން: ގާސިމް

1

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށްވެސް އޭނާގެ އިތުބާރެއް ނެތް ކަމަށާއި މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބޭފުޅަކަށް ވޯޓު ނުލައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށް މިއަދު ނިންމައިފައެވެ.

ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރުއްވަން ނިންމެވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ޕާޓީން ދެއްކި ވާހަކަތަކަކީ ހަގީގަތެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިންގެ ވާހަކަ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ނުހޯދުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އޭނާއަށް 2.4 ޕަސަންޓު ލިބިވަޑައިގެންނެވީ "ވިޔާނުދާ" ސަރުކާރުތައް ގެނައުމަށް އޭނާއަށް މަސައްކަތް ކޮށްދެވިފައިވާތީ އެ ސަރުކާރުތަކުން ކޮށްފައިވާ ގޯސްކަންކަމުގެ އިލްޒާމު އޭނާގެ ބޮލުގައިވެސް އެޅޭތީ ކަމަށެވެ.

"އަޅުގަނޑަށް އެ ދެބޭފުޅުންގެ (ރައީސް ސޯލިހާއި މުއިއްޒުގެ) ތެރެއިން ބޭފުޅަކު ކަމުދާނަމަ ވޯޓު ނުލައެއް ނުހުންނާނަން. މިއަދު ގޮތެއް ނުނިންމައެއް ނުހުންނާނަން. މިއަދު އަޅުގަނޑަށް އިހުތިޔާރު ދިނީމާ އަޅުގަނޑު ނިންމާނެއްނު ކޮންމެވެސް އެއް ބޭފުޅަކަށް ތާއީދުކުރަން. މާނައަކީ އައިވިލް ނޮޓް ވޯޓް ފޯ އެނީވަން އޮފް ދެމް، ބިކޯސް އައިޑޯންޓް ހޭވް ޓްރަސްޓް އޮފް ދެމް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމެވުމުން ޖޭޕީން ބައެއް ބޭފުޅުން ވަކިވެދާނެ ކަމަށާއި ނަަމަވެސް އެއީ ސިޔާސީ މަޝްހަރުގައި އަބަދުވެސް ކަންކަންވާ ގޮތް ކަމަށެވެ. އަދި އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އިސްލާހަށް ކަމަށާއި އެ މަސައްކަތުގައި މަރުދުވަހާ ޖެހެންދެންވެސް ދެމި ހުންނަވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟