ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ދިވެހި ތާރީހުގެ މުއްސަނދިކަން ސްކޫލުންދޭ ފިލާވަޅުތަކުގެ ތެރެއަށް ލާންޖެހޭ: ނައިބު ރައީސް

އިބްރާހިމް ޒަކީ

ދިވެހި ތާރީހުގެ މުއްސަނދިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ހިތްހަމަޖެހުމެއް ކަމަށާއި، އެމުއްސަނދިކަން ސްކޫލްތަކުގެ ފިލާވަޅުތަކުގެ ތެރެއަށް ލައިގެން ދަރިވަރުންގެ ހިތްތަކުގައި އެކަންތައްތައް އަށަގަންނުވަން ޖެހޭކަމަށް ރައިސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ، ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބު ރައީސް ވިދާޅުވީ، އެފަދަ ފިލާވަޅުތަކަކީ ތާރީހުން ދައްކުވައިދީފައި ހުރި އަގުހުރި ފިލާވަޅުތަކެއް ކަމަށާއި، އެ ފިލާވަޅުތައް ސްކޫލް ކުދިންނަށް ދެވި، އެކަންކަން ދަސްކުރެވި، އޭގެ މައްޗަށް ލިޔެވެން އެބަޖެހޭ ކަމަށެވެ.

"މިހިރަ ފިލާވަޅުތަކަކީ މިއީ ތާރީޚުން އަޅުގަނޑުމެންނަށް ދައްކުވައިދީފައި ހުރި އަގުހުރި ފިލާވަޅުތައް، އަޅުގަނޑުމެންގެ ސްކޫލް ކުދިންގެ ތެރޭގައި މިއަދު، ސްކޫލް ކުދިންނަށް ދެވި، އެކަންކަން ދަސްކުރެވި، އޭގެ މައްޗަށް ލިޔެވެން އެބަޖެހޭ. އަޅުގަނޑުމެންނަށް ލިބިފައިވާ ހިތްހަމަޖެހުމަކަށް މިވަނީ އަޅުގަނޑުމެންގެ ތާރީޚު. ތާރީޚުގެ މުއްސަނދިކަން،" ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ގައުމެއް، އެ ގައުމުގެ ގޮތުގައި އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން ގޮތާއި ގެނެސްދިން ފަރާތްތައް އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމަށެވެ. އަދި އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި ގައުމާއިގެން ކުރިއަށްދާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް މި ކަންތައްތަކާ ވިސްނައި ފިކުރުކުރަން އެބަޖެހޭކަމަށްވެސް ވިދާޅުވިއެވެ.