ހއ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން އިއްޔެ ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 44 މީޓަރުގެ އެއްގަމުތޮށި ލުމާއި އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކުރުމާއި 51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމުގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.
ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ އަގަކީ 5.65 މިލިއަން ރުފިޔާއެވެ. ހޯރަފުށި އެއާޕޯޓްގެ ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީ އިން ފެށީ 2022 ސެޕްޓެމްބަރު އަށްވަނަ ދުވަހުއެވެ.