އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅައިފައިވާ ނައިބު ސަފީރުގެ މަގާމުން ނައުޝާދު ވަހީދު ހަސަން މަނިކް ވަކިކުރައްވައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ)، ނައުޝާދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސަފީރުގެ ނައިބުގެ މަގާމުން، ނައުޝާދު ވަހީދު ހަސަން މަނިކް މިއަދު ވަކިކުރައްވައިފި" ކަމަށެވެ.
ނައުޝާދު މަގާމުން ވަކިކުރައްވާފައި މިވަނީ، ސަފީރު ޑރ. ފަރަހަނާޒް ފައިސަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓުވީޓު ކުރައްވާފައި ވަނިކޮށެވެ. ނައުޝާދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ ކަމަށެވެ. "ފަރަހަނާޒްމެން ކަހަލަ މީހުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް، އެ ބަދަލު ނުވާނެ" ކަމަށް ނައުޝާދު ވިދާޅުވިއެވެ. ފަރަހަނާޒް ހުންނަނީ ވަޒީފާގެ ދަހިވެތިކަމުގައި ކަމަށްވެސް ނައުޝާދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ އުފެދުނީއްސުރެ ނައުޝާދަކީ އެ ޕާޓީގައި އުޅުއްވާ، އަދި ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
އޭނާ މަގާމުން ވަކި ކުރެއްވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައުޝާދަކީ ދިވެހި ދައުލަތަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ހިދުމަތްތެރި އެކަކު ކަމަށެވެ. ނައުޝާދު، ސަރުކާރުން ވަކިކުރެއްވުމަކީ ލަދުވެތިކަމެއް ކަމަށާއި އެކަމުގެ ގެއްލުން ސަރުކާރާއި ރައްޔިތުންނަށް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.