ޚަބަރު

ރޭޕް މައްސަލައިގައި ފިލައިގެންދިޔަ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި

އިބްރާހިމް ޒަކީ

މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފުލުހުންނަށް ފިލައިގެންދިޔަ ދެމީހުންގެ ތެރެއިން އެކަކު މިރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 8:00 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރު ކޮށްފައިވަނީ، މާލެއިން ކަމަށެވެ.

ބުރާސް ފަތި ދުވަހުގެރޭ ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރަން މަސައްކަތް ކޮށްފައިވަނީ، 4 ފިރިހެނުންނެވެ.

އެ މައްސަލައިގައި މީގެ ކުރިން ފުލުހުން ވަނީ 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައެވެ.

ބުރާސް ފަތި ދުވަހުގެރޭ 10:55 ހާއިރު މާފަންނު ގެސްޓް ހައުސްއެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު، އެވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އިވިގެން އެ ގެސްޓް ހައުސްއަށް ވަދެ ބެލި އިރު، ހަތަރު ފިރިހެނުން ވެގެން އަންހެން މީހާ ރޭޕް ކުރަން އުޅުނުކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ގެސްޓް ހައުސްއަށް ފުލުހުން ވަން އިރު، އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ގެސްޓް ހައުސްގެ ތެރެއިން ކަމަށެވެ. އަދި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ގެސްޓް ހައުސް ތެރެއަށް ފުލުހުން ވަނުމުން ފިލަން އުޅެނިކޮށް މަގުމަތިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.