ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނެންވާ ގޮތާއި، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިފައިވާ ގޮތް ކަނޑައަޅަން މިއަދު 10:15 ގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، އެ ޕާޓީން ވަކިވެ ވަޑައިގެންފައިވާކަން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އޭނާ ވަކިކޮށް، އެކަން އަންގާފައިވާ ކަމަށާއި އަދި އެކަމާބެހޭ ލިއުންތައްވެސް ހުށަހަޅާފައިވާތީ މޫސާ ސިރާޖަކީ މިހާރު އެމްޑީޕީ މެންބަރެއް ނޫން ކަމަށް މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
މަޖިލިސް ރައިސް ވިދާޅުވީ، އެ ބަދަލާ ގުޅިގެން މަޖިލީހުގެ ދަފުތަރުގައި މިހާރު މެންބަރުން ހިމެނިފައިވަނީ، އެމްޑީޕީގެ 53 މެންބަރުންނާއި ޕީޕީއެމްގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނާއި އެމްއެންޕީގެ ދެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ 16 މެންބަރުން ކަމަށެވެ.
މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކިލެވިފައިވާ ގޮތް މިއަދުގެ ޖަލްސާއިން ފާސްކުރަން އެދިވަޑައިގެންފައެވެ.
ދާއިމީ ކޮމިޓީތައް އެކުލެވިފައިވާގޮތުގެ ރިޕޯޓެއް މަޖިލިސް ތަޅުމަށް ހުށަހެޅިފައިވާ ކަމަށާއި 10:15 ގައި އެ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް، މަޖިލިސް ރައީސް ހުއްޓުވާފައިވަނީ 13 މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވުމާ ގުޅިގެން ކޮމިޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލު މަޖިލީހުން ފާސްކުރަންދެން ކަމަށް ވިދާޅުވެއެވެ.
ނަމަވެސް މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އެކި އުޒުރުތައް ދައްކަވައި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް މަޖިލިސް ރައީސް ވަނީ މަޖިލީހުގައި ކުރިއަށް ނުގެންދަވައިފައެވެ.
ކޮމިޓީތަކުގެ މަސައްކަތަށް މިއަދު ވޯޓަށް އަހަން މަޖިލިސް ރައީސް ނިންމަވާފައި މިވަނީ، މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ މައްސަލަ އެމްޑީޕީން އިއްޔެ އަނބުރާ ގެންދިއުމުންނެވެ.